Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު ރިޔާސީ ބަޔާން

ސަރުކާރަށް ހައްތަހާވެސް ތިބޭނީ ހަމަހަމަ ރައްޔިތުން: ރައީސް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރަށް ހައްތަހާވެސް ތިބޭނީ ހަމަހަމަ ރައްޔިތުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވެނީ ތަސައްވުރެއް އޮވެ، ވައުދުވެ، ވީވައުދު ފުއްދުމުގެ މައްޗަށް ކަމަށެވެ. އެގޮތުން އެންމެ ބޭނުންޖެހިފައިވާ ކަންކަމަށް، އެންމެ ބޮޑު އިސްކަން ސަރުކާރުން ދިން ކަމަށެވެ.

ޤައުމުގެ ހަމަޖެހުމާއި، އާންމު މަސްލަހަތާއި އަމާންކަން ގެއްލިފައިވާނަމަ، އެންމެ ފުރަތަމަ ސަރުކާރުން އިއާދަ ކުރަންޖެހޭނީ އެކަންކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އެކަންކުރެވޭނީ، އަޑުއެހުމާއި، މަޝްވަރާއާއި، ދޫދިނުމާ އަދި ހިފަހައްޓަންޖެހޭ އިންތަކާ މިންތަކުގައި ސަރުކާރު ސާބިތުވެ ދެމިއޮވެގެން ކަމަށެވެ.

"ފާއިތުވި 4 އަހަރަކީ، އޭގެ ކުރިން ހިނގާދިޔަ އަހަރުތަކަށްވުރެ، މިދެންނެވި ގޮތުން ރާއްޖެއަށް ހަމަޖެހުން ގެނުވި 4 އަހަރު. އަދި ކުރިއަށް އޮތްތަނުގައިވެސް އެންމެ ބޮޑު އިސްކަމެއް އަޅުގަނޑު ދޭނީ އެކަމަށް." ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިހް ސަރުކާރަށް ހައްތަހާވެސް ތިބޭނީ ހަމަހަމަ ދިވެހި ރައްޔިތުން ކަމަށެވެ. އަދާކުރަންޖެހޭ ހައްޤުތަކާ، އުފުލަން ޖެހޭ މަސްއޫލިއްޔަތާ، ދޭންޖެހޭ ހިދުމަތުގައި، ކޮންމެ ރައްޔިތަކީވެސް ސަރުކާރުގެ ކުރިމަތީގައި ޤަދަރުވެރި ދިވެހި ރައްޔިތެއް ކަމަށް ވިދާޅުވިއެވެ.

"އިސްލާމްދީނުގެ ސައްހަ އަޤީދާއާ، ރިވެތި އަޚްލާޤާ ނުލާ، ފުރިހަމަ ދިވެހި ޖީލެއް ބިނައެއް ނުކުރެވޭނެ. މިގޮތުން މިދިޔަ އަހަރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިސްލާމްދީނުގެ ސައްހަ މައުލޫމާތު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރާއްޖެއަށް ގެންނަން ވައުދުވީ ބޮޑު ބަދަލެއްކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ، އެބަދަލުގެ ފަހަތުގައިވަނީ ރައްޔިތުންގެ އުފާފާގަތި ދިރިއުޅުމާ ބާއްޖަވެރިކަން ކަމަށެވެ. އެކަމަށްޓަކައި ސަރުކާރުން ހިންގާ ސިޔާސަތުތަކުގައި ތަފާތެއް އޮވެގެން ނުވާނެ ކަމަށާއި އަދި އަމާޒެއް އޮންނަންވާނެ ކަމަށް ވިދާޅުވިއެވެ.