Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ފަރެސްމާތޮޑާ އެއާޕޯޓް އަންނަ މަހު ހުޅުވަނީ

ތަފާތު ޑިޒައިނަކަށް، ހިތްގައިމު ޓާމިނަލެއް ވެސް ހިމެނޭ ގދ. ފަރެސްމާތޮޑާ އެއާޕޯޓް އަންނަ މަހުގެ 15 ގައި ހުޅުވަން ތައްޔާރީތައްވާން ފަށައިފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ އެއާޕޯޓްގައި ކުރަން ހުރި މައިގަނޑު ހުރިހާ މަސައްކަތްތަކެއް ވެސް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެއާޕޯޓް ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން ކުރަން ހުރި ކުދިކުދި ބައެއް މަސައްކަތްތައް ކަމަށެވެ. މި އެއާޕޯޓަށް ރޭގަނޑު ފްލައިޓްތައް ޖެއްސޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރަންވޭގައި ލައިޓް ހަރުކޮށް އެކަން ވެސް ޓެސްޓްކޮށްފައިވެ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ 2020 ގެ ނޮވެމްބަރުގަ އެވެ. މި އެއާޕޯޓްގައި އޮންނާނީ 1،200 މީޓަރުގެ ރަންވޭއެކެވެ. އެމްޓީސީސީއާ ފަރެސްމާތޮޑާ އެއާޕޯޓް ހަވާލުކުރީ 144.8 މިލިއަން ރުފިޔާއަށެވެ. އަދި އެތަނުގެ އަމަލީ މަސައްކަތް ފެށީ 2021 ގެ ކުރީކޮޅު އެވެ.