Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު ރިޔާސީ ބަޔާން

ހުރިހާ އަތޮޅެއްގައި މިހާރު މަތީ ސާނަވީއަށް ކިޔެވޭނެ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މިހާރު މަތީ ސާނަވީއަށް ކިޔެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ މިހާތަނަށް ސްކޫލްތަކުގައި ކިޔަވައިދިނުމަށް އޮތް ތަކުލީފު ކުޑަކޮށް ޖާގައާއި ވަސީލަތްތައް އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1578 ކްލާސްރޫމާ، 85 މަލްޓިޕަރޕަސް ހޯލް ދަނީ ނިމެމުން ކަމަށެވެ. އަދި ތައުލީމީ ދާއިރާއާ ގުޅޭ އިތުރު 509 އުމްރާނީ މަޝްރޫއު ހިނގަމުން ނިމެމުން ދާ ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުޞަތެއް ނެތް. އެހެންނަމަވެސް މިއަދުގެ އުފަލަކީ މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މިހާރު މަތީ ސާނަވީއަށް ކިޔެވޭނެ ފުރުޞަތު ފަހިކޮށްދެވިފައި އޮތްކަން." ރައީސް ސޯލިހް ވިދާޅުވިއެވެ.

ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހަމަ ކޮންމެ ދިވެހި ޒުވާނަކަށް މިއަދު އެބަ އޮތްކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ މިއަދާ ހަމައަށް 16315 ދަރިވަރުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި 6500 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވާ ކަމަށެވެ.

ސަރުކާރުން ދޭ ލޯނުގެ އަދަދު އެތައް ގުނައެއް އިތުރުކޮށްފައިވާކަން ފާހަގަކޮށް ވިދާޅުވީ މިހާތަނަށް 1986 ދަރިވަރަކަށް ސްޓޫޑަންޓް ލޯނުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އަދި މި ލޯނުތަކުގެ ތަކުލީފު ކުޑަ ކުރުމަށްޓަކާ ސްޓޫޑަންޓް ލޯނު ސަރުކާރުން ރީ-ސްޓަރަކްޗަރ ކޮށްފައިވާ ކަމަށާއި ކުރ،ިން %5 ގައިހުރި އިދާރީ ފީ %1 އަށް ކުޑަކޮށްފައިވާ ކަމަށެވެ. އަދި ލޯނު އަނބުރާ ދެއްކުން 20 އަހަރަށް އިތުރުކުރިކަންވެސް ފާހަގަކުރެއްވިއެވެ.

"މިގެނެވުނު ބަދަލާއެކު ކުރީގެ ބޮޑު ރޭޓްގައި ދެއްކި ފައިސާ ވާނީ، ޖުމްލަ ލޯނު އަދަދުން އުނިކުރެވިފައި. އަދި ކޮންމެ މަހަކު ދަރިވަރުން އަނބުރާ ދައްކާ ފައިސާ މިހާރު ކުޑަވާނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ 6000 އަށްވުރެ ގިނަ ހުނަރުވެރިން ވަޒީފާގެ ބާޒާރާ މަސައްކަތު މާހައުލަށް ފައްކާ ކުރުމުގެ މަޝްރޫއު ހިނގަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖޫނިއަރ ކޮލެޖް، ޓިވެޓް ސެންޓަރު އަދި ޕޮލިޓެކްނިކް ސެންޓަރުތައް ޤާއިމްކުރުން ކުރިއަށްދާ ކަމަށެވެ.