Last Updated: May 4, 09:41
Saturday, May 4, 2024
ޚަބަރު ރިޔާސީ ބަޔާން

އައްޑޫ އެއާޕޯޓްގެ މަސައްކަތް މި މަހު ހަވާލުކުރަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށުމަށް މިފެބްރުއަރީ މަހު ހަވާލު ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ، މިއަދު ބޮޑުތިލަދުންމަތީގެ އިތުރުން ފާދިއްޕޮޅުގެ ހުރިހާ ރަށެއް ކޮންމެ ދުވަހަކު އެދަނީ އާރް.ޓީ.އެލް.ގެ ނިޒާމުން އަމުނާ ގަތާ ބަދަހިވަމުން ކަމަށެވެ. މިއަހަރު ނިމުމުގެ ކުރިން ހުވަދުއަތޮޅާ، ފުވައްމުލަކު އަދި އައްޑޫ އާރް.ޓީ.އެލް.ގެ ނިޒާމުން ގުޅާލާނެ ކަމަށް ވިދާޅުވިއެވެ.

އެއާޕޯޓްތައް ތަރައްގީ ކުރެވެމުން އަންނަކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އައްޑޫ އެއާޕޯޓްގެ މަސައްކަތް ފެށުމަށް ފެބްރުވަރީ މަހު ހަވާލު ކުރެވޭނެ ކަމަށެވެ.

"އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށުމަށް މިފެބްރުއަރީ މަހު ހަވާލު ކުރެވޭނެ. މިއީ ރާއްޖޭގެ އެންމެ އުތުރާ، އެންމެ ދެކުނަށް އަހަރަކު ޖުމްލަ 2.8 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށް ތަރައްޤީ ކުރެވޭ ބައިނަލްއަޤްވާމީ ޒަމާނީ ދެ އެއާޕޯޓް" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އުތުރާ ދެކުނަށް ފަތުރުވެރިކަން ފުޅާކުރުމުގެ މަޝްރޫއު ފެށެނީ، އައްޑޫއާ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުން ކަމަށާއި، އެ އެއާޕޯޓްތައް ނިމެމުންދާއިރު އެ ސަރަހައްދަށް ބޭނުންވާ އެނދު އިތުރު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ ދިވެހިރާއްޖެއަށް ބޭނުންވާ ހުރިހާ ޑޮމެސްޓިކް އެއާޕޯޓެއް ޤާއިމް ކުރުމުގެ މަޝްރޫއު ކުރިއަށްދާ ކަމަށެވެ. އެގޮތުން ހޯރަފުށީ އެއާޕޯޓް ހުޅުވިއްޖެ ކަމަށާއި މި އަންނަ މަހު ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވޭނެ ކަމަށް ވިދާޅުވިއެވެ.

މާފަރު ބައިނަލްއަޤްވާމީ އެއާޕޯޓްގެ އެކްސްޕޭންޝަން މަސައްކަތް ފެށިފައިވާކަން ފާހަގަކުރައްވާ ރައިސް ސޯލިހް ވިދާޅުވީ، މާލެ ސަރަހައްދުން ބޭރުގައި ހިންގޭ އެއާޕޯޓް އެޅުމުގެ އެންމެ ބޮޑު ދެމަޝްރޫއު ކުރިއަށްދާ ކަމަށެވެ.

އެގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށިފައިވާކަމަށާއި، އަމާޒަކީ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ، މިއަހަރުގެ ފަހު ކުއާޓަރގައި ނިންމުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.