Last Updated: May 4, 18:12
Saturday, May 4, 2024
ޚަބަރު ރިޔާސީ ބަޔާން

ދައުލަތުގެ ރިޒާވް ރައްކާތެރި މިންގަނޑުގައި ދެމެހެއްޓޭނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ރިޒާވް ރައްކާތެރި މިންގަނޑުގައި ދެމެހެއްޓޭނެކަމުގެ އިތުބާރު ލިބިފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ، މިދިޔަ 2022 ވަނަ އަހަރު ރާއްޖޭގެ އިޤްތިސާދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ފުރަތަމަ ލަފާކުރީ %7.6 ކަމަށެވެ. އަހަރު ނިމުނުއިރު ވަރލްޑް ބޭންކުގެ އަންދާޒާ %12.4 އަށް މަތިކުރި ކަމަށާއި، މިހިނގާ އަހަރަށް ރާއްޖޭގެ އިޤްތިސާދު ކުރިއަރާނެ ކަމަށް ވަރލްޑް ބޭންކުން ލަފާކުރަނީ %8.2 އިން ކަމަށް ރައީސް ވިދާޅުވިއެވެ.

"ހުސްވި ޖަނަވަރީ މަހަކީ މިހާތަނަށް ރާއްޖޭގެ ތާރީޚުގައި އެއް މަސްތެރޭ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު މަސް. އެއީ 3.5 ބިލިއަން ރުފިޔާ. ދައުލަތުގެ ރިޒަރވް އޭގެ ރައްކާތެރި މިންގަނޑުގައި ދެމެހެއްޓޭނެކަމުގެ އިތުބާރު މިހާރު މިވަނީ ލިބިފައި." ރައީސް ސޯލިހް ވިދާޅުވިއެވެ.

2022 ވަނައަހަރަށް ސަރުކާރުން އަމާޒު ހިފީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ކަން ފާހަގަކޮށް ރައީސް ވިދާޅުވީ އަހަރު ނިމިގެން ދިޔައީ އެޓާގެޓަށް ވުރެ މަތިން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްގެން ކަމަށެވެ.

މީގެއިތުރުން 2023 ވަނަ އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށާއި، ޖަނަވަރީ މަހުގެ ނިޔަލަށް 172536 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. ރައީސް ސޯލިހް ވަނީ މިދައުރުގެ ތެރޭގާ ފަތުރުވެރިކަމުގެ ދާއިރާއަށް 16758 އެނދު އިތުރު ކުރެވުނުކަންވެސް ފާހަގަކުރައްވާފައެވެ.