Last Updated: May 4, 16:29
Saturday, May 4, 2024
ޚަބަރު ރިޔާސީ ބަޔާން

މާލެ ސަރަަހައްދުން ދޭ ގޯތީގެ އަދަދު އިތުރު ކުރަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

މާލެ ސަރަަހައްދުން ދޭ ގޯތީގެ އަދަދު އިތުރު ކުރަން ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހާމަކުރައްވައިފިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައިސް ސޯލިހް ވިދާޅުވީ ދައުރެއްގެ ތެރޭގާ ބިންގަލުން ފެށި ފްލެޓް އިމާރާތެއް ނިންމާ ރައްޔިތުން ބޯހިޔާވަހި ކުރާ ފުރަތަމަ އަހަރަށް މިއަހަރު ވެގެންދާނެ ކަމަށެވެ. އެ ފްލެޓްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް ތަފާތު ފްލެޓްތަކަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލުމުން ފްލެޓަށް އެދި ޖުމްލަ 20697 އެޕްލިކޭޝަން ހުށަހެޅި ކަމަށާއި ގޯތި ހޯދުމަށް 15164 އެޕްލިކޭޝަން ހުށަހެޅި ކަމަށެވެ. މި އެޕްލިކޭޝަންތައް މިހާރު ޕްރޮސެސްކުރަމުންދާ ކަމަށާއި މިއަހަރުގެ ޖޫން ނިމުމުގެ ކުރިން، ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މިއަދު ދަންނަވަން އޮތް އާ ވާހަކައަކީ ކުރިން ދޭނެކަމަށް ދެންނެވި އަދަދަށްވުރެ މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރުކުރުމަށް އަޅުގަނޑު ނިންމި ވާހަކަ" ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ ޖަނަވަރީގެ ނިޔަލަށް ގެދޮރުވެރިޔާ ލޯނުގެ 579 އެޕްލިކޭޝަން ސަރުކާރަށް ލިބުނު ކަމަށާއި އޭގެ %55 ލޯނު މިހާރުވަނީ އެޕްރޫވް ކުރެވިފައިވާ ކަމަށެވެ. އަދި 249 ފަރާތަކާ އެކު ލޯނު އެއްބަސްވުމުގައި ސޮއި ކުރެވިއްޖެ ކަމަށްވެސް ވިދާޅުވިއެވެ.

އަތޮޅުތެރޭގާ އިމާރާތް ކުރެވޭ ހައުސިން ޔުނިޓް ތަކުން 556 ހައުސިންގ ޔުނިޓް އަންނަ މޭމަހުގެ ނިޔަލަށް އެއްކޮށް ނިންމޭނެ ކަމަށާއި އިތުރު 2200 ހައުސިންގ ޔުނިޓްގެ މަސައްކަތް އަތޮޅުތެރޭގާ ހިނގަމުންދާކަމަށްވެސް ވިދާޅުވިއެވެ.