ތުރުކީ އަދި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް އައި ބިންހެލުމުގައި މިހާތަނަށް 2،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެފި އެވެ.
ރިޕޯޓުތައް ބުނާގޮތުން 7.8 ގެ ބާރުމިނުގައި އައި މި ބިންހެލުމުގައި ތުރުކީން މަރުވި މީހުންގެ އަދަދު ވަނީ 1،498 އަށް އަރާފަ އެވެ. އަދި ސީރިޔާ އިން ވަނީ 810 މީހަކު މަރުވެފަ އެވެ. އެއާއެކު ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ 2،308 އަށް އަރާފަ އެވެ.
ބިންހެލުމުގައި އަނިޔާވި މީހުންގެ އަދަދު 3،000 އަށްވުރެ މައްޗަށް ވަނީ އަރާފަ އެވެ.
މި ބިންހެލުމާ ގުޅިގެން ގިނަ ބަޔަކު އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ އިރު އެމީހުން ސަލާމަތް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. އަދި އަނިޔާވެފައިވާ ފަރާތްތަކަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދޭން ދެ ގައުމުގެ ސިއްހީ މަސައްކަތްތެރިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެމެރިކާގެ ޖިއޮލޮޖިލަކް ސާވޭއިން ބުނީ މި ބިން ހެލުމަކީ 1939 ވަނަ އަހަރު ތުރުކީ އަށް އައި ބާރުގަދަ ބިންހެލުމެއްގައި 30،000 މީހުން މަރުވި ފަހުން އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ.