ތުރުކީ އަދި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް އައި ބިންހެލުމުގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެފި އެވެ.
ރިޕޯޓުތައް ބުނާގޮތުން 7.8 ގެ ބާރުމިނުގައި އައި މި ބިންހެލުމުގައި ތުރުކީން މަރުވި މީހުންގެ އަދަދު ވަނީ 2،379 އަށް އަރާފަ އެވެ. އަދި ސީރިޔާ އިން ވަނީ 1،451 މީހަކު މަރުވެފަ އެވެ. އެއާއެކު ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ 3،830 އަށް އަރާފަ އެވެ.
މި ބިންހެލުމުގައި ސީރިޔާ އިން 3،531 މީހަކަށް އަދި ތުރުކީން 14،483 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ. ބިންހެލުމުގައި ތުރުކީގެ 5،000 އަށް ވުރެ ގިނަ އިމާރާތްތައް ވަނީ ބިމާ ހަމަވެފަ އެވެ. އަދި ގިނަ ބަޔަކު އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ އިރު އެމީހުން ސަލާމަތް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ.
ބިންހެލުމާ ގުޅިގެން ތުރުކީގައި ގައުމީ ހިތާމައިގެ ހަފްތާއެއް އެގައުމުގެ ރައީސް ތައްޔިބް އުރުދުގާން ވަނީ ކަނޑައަޅުއްވާފަ އެވެ.
އެމެރިކާގެ ޖިއޮލޮޖިލަކް ސާވޭއިން ބުނީ މި ބިން ހެލުމަކީ 1939 ވަނަ އަހަރު ތުރުކީ އަށް އައި ބާރުގަދަ ބިންހެލުމެއްގައި 30،000 މީހުން މަރުވި ފަހުން އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ.