އަންނަ މަހު ރިލީޒްކުރާ "ބޯލާ" އިން ވެސް އެކީގައި ފެންނާނެ ތަރިން ކަމަށްވާ އަޖޭ ދޭވްގަނާއި ތައްބޫ އަނެއްކާ ވެސް އެކީގައި ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.
މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޜ "ޑްރިޝަމް 2" އިން ވެސް ފެނިފައިވާ ދެ ތަރިން އިއްޔެ ޝޫޓިން ފެށި އާ ފިލްމަކީ ޑައިރެކްޓަރު ނީރަޖް ޕާންޑޭގެ އާ "އޯރޯ މޭ ކަހާ ދަމް ތާ" އެވެ. ފިލްމު "އާރްއާރްއާރް" ގެ ލަވަ "ނާތު ނާތު" އިން މި އަހަރުގެ އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އޮސްކާ އާއި ގޯލްޑެން ގްލޯބް އެވޯޑް ހޯދި މިއުޒިކް ޑައިރެކްޓަރު އެމްއެމް ކީރަވާނީ މިއުޒިކް ހަދާ، މި މިއުޒިކަލް ލަވް ސްޓޯރީގެ ކާސްޓްގައި ޖިމީ ޝެރްގިލް ވެސް ހިމެނެ އެވެ.
މި ފިލްމަށް ތައްބޫ ސޮއިކޮށް މަސައްކަތް ފަށާފައި މި ވަނީ މީގެ ރޯލަށް ޒުވާން ބަތަލާ ސައީ މަންޖްރޭކަރް ވެސް ނަގާފައިވާ ކަމަށް ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ. އެކަމަކު "އޯރޯ މޭ ކަހާ ދަމް ތާ" ގެ ޓީމުން އަދި އެކަން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.
ޒަމާންވީ ވަރަށް ގާތް ދެ އެކުވެރިންގެ ގޮތުގައި ވެސް ފާހަގަކޮށްލެވޭ އަޖޭ އާއި ތައްބޫ އެކީގައި ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި "ދޭ ދޭ ޕިޔާރު ދޭ" އާއި "ގޯލްމާލް އެގެއިން" އާއިު "ޑްރިޝަމް" އާއި "ވިޖޭޕަތު" އާއި "ހަގީގަތު" އަދި "ތަކްޝަކް" ހިމެނެ އެވެ.
މި ދެ ތަރިން މަސައްކަތް ފެށި އާ ފިލްމު "އޯރޯ މޭ ކަހާ ދަމް ތާ" ގެ ޑައިރެކްޓަރު ނީރަޖަކީ "އަ ވެނިޒްޑޭ" އާއި "ސްޕެޝަލް 26" އަދި "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "އައްޔާރީ" އެވެ.
އަޖޭ އާއި ތައްބޫގެ "ބޯލާ" ގެ ކުރިއަށް އޮތް ފިލްމު "ބޯލާ" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 30 ގަ އެވެ. މިއީ އަޖޭ ޑައިރެކްޓްކޮށް، ކުޅުނު ހަތަރު ވަނަ ފިލްމެވެ.