ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރު ހަމަވަނީ ރައްޔިތުން ކަންބޮޑުވާ ވައްކަމާއި ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ނުބެލި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.
ރައީސް އިއްޔެ ދެއްވި ދައުރުގެ ފަހު ރިޔާސީ ބަޔާނާ ގުޅިގެން އިންތި ވިދާޅުވީ އެއް ދައުރު ނިމެންދެން ރައީސް އުޅުއްވީ ސްޕީީޗް ލިޔުއްވުމުގައި ކަމަށެވެ. އަދި އިތުރު ދައުރެއް އަތުޖެހިއްޖެ ނަމަ ވާނެ ގޮތެއް ދެނެވޮޑިވަގަންނަވާނީ މާތް ރަސްކަލާނގެ ކަމަށް ވިދާޅުވި އެވެ.
"ފަސް އަހަރު ދުއްވާލީ ވައްކަމާއި ކޮރަޕްޝަން ނުބެލި. އަދި ވައްކަމާއި ކޮރަޕްޝަން ހިންގައި އަދި އެކަމަށް ޖާގަ ދިން ދައުރެއްގެ ގޮތުގައި." އިންތި ވިދާޅުވި އެވެ.
5 އަހަރު ދުއްވާލީ ވައްކަމާއި ކޮރަޕްޝަން ނުބެލި، އަދި ވައްކަމާއި ކޮރަޕްޝަން ހިންގައި އަދި އެކަމަށް ޖާގަ ދިން ދައުރެއްގެ ގޮތުގައި.
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) February 6, 2023
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ގައި ވެރިކަމަށްވަޑައިގެންނެވި އިރު، ވެވަޑައިގަތް އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބަލައި ދައުލަތަށް ގެއްލުނު ގިނަ އަދަދެއްގެ ފައިސާ އަނބުރާ ދައުލަތަށް ހޯއްދަވާނެކަމެވެ. އެކަމަކު އެ ހިޔާނާތުގެ މައްސަލައިގައި އެކަށީގެންވާ މަސައްކަތްތަކެއް ސަރުކާރުން މިހާތަނަށް ކޮށްފައި ނުވާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
އަނެއްކޮޅުން މި ސަރުކާރާއި މަޖިލީހުގެ ތެރޭގައި ވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުން މަންފާ ލިބުނު ބަޔަކު ތިބިކަމީ އެންމެން ދަންނަނަ ހަގީގަތެކެވެ.