މިއަދަކީ ފެބްރުއަރީ 7 އެވެ. އެމްޑީޕީގެ މިހާރު ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހަޔާތުގައި އެންމެ ފާހަގަކޮށްލެވޭ އެއް ދުވަހެވެ. ނަޝީދު ވިދާޅުވާ ގޮތުން ނަމަ ފެބްރުއަރީ 7، 2012 އަކީ އެ މަނިކުފާނުގެ ވެރިކަން "ބަގާވާތަކުން" ވައްޓާލި ދުވަހެވެ. އެކަމަކު ވަށައިޖެހޭ ބޮޑު މަންޒަރުން ދައްކުވައި ދިނީ ނަޝީދު "އަމިއްލަ އަށް އިސްތިއުފާދެއްވީ" ކަމެވެ.
އެކަމަކު 11 އަހަރު ފަހުން އެ ވާހަކަ ހަގީގަތުގައި މިހާރު ދެއްކުމުގެ މާ ބޮޑު ބޭނުމެއް ނެތެވެ. ނަޝީދަށް ކުރިން އޮތް ތާއިދާއި ލޯތްބާއި އެ މަނިކުފާނުގެ ޕާޓީގެ ތެރެއިން ވެސް މިހާރު "ހުންނެވި ސައިޒަށް" ބަލާ އިރު، ނަޝީދާއި އެ މަނިކުފާނުގެ ވެރިކަމާއި ސިޔާސަތުތަކުގެ ވާހަކަ ދެއްކުމަށް ވުރެ މާ އައުލާކަން ބޮޑު އެހެން ވާހަކަތައް މިހާރު އެބަހުއްޓެވެ.
"ފިކުރެއް ދިރުވަން" ނަޝީދު ދޫކޮށްލާފައި އަހަރެމެން ދެނީ ފެބްރުއަރީ 7، 2012 އާ ވިދިގެން ފެބްރުއަރީ 8 އަށް އައްޑު އަށް ޖެހުނު ހާލަތުގެ ވާހަކަ އެވެ. އައްޑޫގެ ތާރީހުގައި ވަރަށް ކަޅު ދުވަހެކެވެ. މުޅި ރާއްޖޭގެ ތާރިހަށް ބެލިޔަސް، ވަރަށް ކަޅު ދުވަހެކެވެ.
ނަޝީދު އެ ދުވަހު އިސްތިއުފާ ދެއްވުމުން އޭގެ ބޮޑު ހާޖާނުގަނޑެއް ފެށުނީ ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އައްޑޫގަ އެވެ. އެމްޑީޕީ އަށް ނިސްބަތްވާ ބަޔަކު ނުކުމެ "އައްޑޫ އަންދާލި" އެވެ. އެތައް އަހަރެއްގެ ތަރައްގީ ފަހަތަށް ސޮއްސުވާލި އެވެ. އެތައް އަހަރެއްގެ ތެރޭގއި ހޯދި އުމްރާނީ ތަރައްގީ ހިނދުކޮޅެއްގެ ތެރޭގައި އަންދައި އަޅިއަށް ހަދާލި އެވެ.

މިއީ މިހާރު އައްޑޫގެ ހާލަތުގެ ވާހަކަ ދައްކާ ނަމަ، އައްޑޫ ދެކެ ލޯބިވާ މީހުން ކަރުނައާ އެކީ ދައްކާ ހިތްދަތި ވާހަކައެވެ. ފުލުހުންގެ އެތައް މަރުކަޒަކާއި އެތައް ވަސީލަތެއް ހުލިކޮށްލި އެވެ. އެތައް ކޯޓަށް އަޅިއަށް ހެދި އެވެ.
މި "ބޮޑު ހުޅު" އަށް 11 އަހަރުވީ ވެސް ފެބްރުއަރީ 7، 2012 އާ ވިދިގެން އައި 8 ފެބްރުއަރީގައި ލިބުނު ގެއްލުންތަކުން އަދިވެސް އޮތީ އަރައިނުގަނެވި އެވެ. އަންދާލި ކޯޓްތަކުގެ ތެރެއިން ބައެއް ކޯޓްތައް އަދިވެސް ހިންގާނެ ރަސްމީ އަމިއްލަ އިމާރާތެއް ނެތެވެ. ބައެއް ކޯޓްތައް ހިންގަނީ އަމިއްލަ މީސްމީހުންގެ ތަންތަން ކުއްޔަށް ނަގައިގެންނެވެ.
ފެބްރުއަރީ 8 ގައި އައްޑޫގައި އަންދާލި ކޯޓްތަކުގެ ތެރޭގައި ފޭދޫ، މަރަދޫ، ހިތަދޫ އަދި ހުޅުދޫ މެޖިސްޓްރޭޓް ކޯޓް ހިމެނެ އެވެ. ހިތަދު އާއި ގަމުގައި ހުރި ޕޮލިސް ސްޓޭޝަންތައް އަންދާލި އެވެ. މީގެ އިތުރުން ހިތަދޫގައި ހުރި ފުލުހުންގެ ޓްރެއިނިން ސެންޓަރާއި ފުލުހުން ކުރިން ބޭނުން ކުރަމުން އައި އެކޮމޮޑޭޝަން ބްލޮކެއްގެ އިތުރުން ފުލުހުންގެ އެތައް ވެހިކަލެއް އަންދައި އަޅިއަށް ހަދާލި އެވެ.
މި ވާހަކަތައް މިގޮތަށް ތަކުރާރުކޮށް ދައްކަން ޖެހެނީ ފެބްރުއަރީ 8 ގައި އައްޑު އަށް ލިބުނު ގެއްލުން ބޮޑުކަމުންނެވެ. މި ގެއްލުންތައް ނަމްބަރުތަކުން ހިސާބު ޖަހާ ނަމަ ބިލިއަނުން މައްޗަށް އަރަ އެވެ.
Amilla fulhah isthiufaa dhehvaa, jehigen ai dhuvahu command dhee activistun nere Addu Gamuga huri fuluhunge idhaaraaga hulhujahaa, vehicle andhaa, adhi Hithadhoo fulus training Centeruga hulhu jahaa miadhu mivaahaka dhakkan ladhu gannan jehey. File alun hulhuvan jehey. pic.twitter.com/JZLojns29M
— Mohamed Maleeh Jamal (@maleehjamal) March 15, 2021
ސުވާލަކީ ނަޝީދު "ފެބްރުއަރީ 7 ނުގެންނެވި ނަމަ" އައްޑު އަށް މި ވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީސްތޯ އެވެ؟ ނަޝީދަކީ އަބަދު ވެސް އައްޑޫގެ ތަރައްގީ ވާހަކަ ދައްކަވާ ބޭފުޅެކެވެ. އައްޑޫ ކުރިއަރުވައިގެން ނޫނީ ރާއްޖެ ކުރިނާރާނެ ކަމަށް ވިދާޅުވާ ބޭފުޅެކެވެ.
މިދި މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ވެސް އައްޑު އަށް ވަޑައިގެން ނަޝީދުގެ ސަޕޯޓަރުންނަށް އެ މަނިކުފާނު ދެއްކެވި ހަމަ މި ކުލަވަރެވެ. އެކަމަކު އައްޑޫ ރައްޔިތުންގެ ހިތަކުން ފެބްރުއަރީ 8 ގެ "ބޮޑު ހުޅު" ގެ ހަނދާންތަކެއް ނުފިލާނެ އެވެ.