ތިލަފުށިން ބިދޭސީންނަށް ބިން ވިއްކުން ހުއްޓާލަން ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ މަޖިލީހުން ބޭރު ކޮށްލައިފިއެވެ.
މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. އާދަމް ޝަރީފް ހުށަހެޅި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް 9 މެންބަރުން ވޯޓު ދެއްވިއިރު ބަލައިގަންނަން ނުފެންނަ ކަމަށް 36 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.
އާދަމް ޝަރީފް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ ތިލަފުއްޓަކީ ދިވެހި ރައްޔިތުންގެ ބައިތުލްމާލުން އުފައްދާ ތަރައްގީ ކުރަމުން އަންނަ، ރާއްޖޭގެ ސިނާއީ މަސައްކަތްތަކަށް ހާއްސަ ރަށެއް ކަމަށެވެ.
ވިޔަފާރިވެރިންނަށް މާލެ ސަރަހައްދުގައި ބިމުގެ ދަތިކަން ނުހަނު ބޮޑުވެފައިވާކަން ފާހަގަކޮށް ކުއްލި މައްސަލައިގައި ބުނެފައިވަނި ބީލަމުގެ އުސޫލުން ބިދޭސީންނަށް ތިލަފުށީގެ ބިން 99 އަހަރަށް ވިއްކުމަކީ އެކަމުގެ ނޭދެވޭ އަސަރު ދިވެހި ވިޔަފާރިވެރިންނަށާ ރާއްޖޭގެ އިގްތިސާދަށް ކުރާނެ ކަމެއް ކަމަށެވެ. އަދި ބިދޭސީންނަށް ބިން ގަނެވޭ އުސޫލެއް ހެދުމަކީ ދިވެހިންނަށް ވިޔަފާރީގެ ފުރުސަތުތައް ހަނިވެ ކުރިއަށް އޮތްތަނުގައި ދިވެހިންގެ ވިޔަފާރިތައް ކޮންޓްރޯން ކުރުމުގެ ބާރު ބޭރުމީހުންގެ އަތްމައްޗަށް ދިއުމުގެ ފުރުސަތު އޮތް ކަމެއްކަމަށެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ މާލެ ސަރަހައްދުގެ ބިން 99 އަހަރަށް ނުއަގުގައި ބިދޭސީންނަށް ވިއްކުމަކީ، ކުރިމަގުގައި އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑަށް ކުރާނެ ކަމެއްކަމަށެވެ. އެހެންކަމުން ތިލަފުށިން ބިދޭސީންނަށް 99 އަހަރަށް ބިން ވިއްކުން ހުއްޓާލަން ގޮވާލާކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.