Last Updated: May 6, 17:43
Tuesday, May 6, 2025
ޚަބަރު

ހުޅުދޫ ފިހާރައެއް ފަޅާލައިފި

ރޭ ވަގުން ވަދެ ފަޅާލައިވާ ފޯމޯސްޓް ފިހާރަ. ފޮޓޯ: ވީއޯއެމް

ސ. ހުޅުދޫ ފިހާރައެއް ފަޅާލައި ގިނަ އަދަދެއްގެ ސާމާން ވަގަށް ގެންގޮސްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ދަންވަރު ފަޅާލާފައިވަނީ އެރަށު ފުޓްބޯޅަ ދަނޑު ސަރަހައްދުގައި ހުންނަ "ފޯމޯސްޓް" ފިހާރަކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަގުން ވަދެފައިވަނީ ފޯމޯސްޓް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެންނެވެ. އެތަނުން ގިނަ އަދަދަކަށް ކިރުގެ ބާވަތްތައް ވަގަށް ގެންގޮސްފައިވާ އިރު ބައެއް ކަހަލަ ލުއިކާނާ އާއި ސިނގިރޭޓްވެސް ވަނީ ގެއްލިފައެވެ.

މި މައްސަލަ ހުޅުމީދޫގައި ހުންނަ ޕޮލިސް ސްޓޭޝަނުން ތަހްގީގް ކުރަމުން އަންނަ އިރު އަދި މިހާތަނަށް މިކަމާއި ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް ފުލުހުން ނުބުނެއެވެ.

ހުޅުމީދޫގައި ތަފާތު ބާވަށްތަކުގެ ކުށްކުރުން މިހާރު ގިނަ ވަމުން އަންނަ އިރު މިދިޔަ ހަފްތާ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިވާ ޕެކެޓަކާއި އެކު މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.