Last Updated: July 27, 13:32
Monday, July 27, 2026
މުނިފޫހިފިލުވުން

ސޯނަމްގެ ފިލްމު ގަންނާނެ ބަޔަކު ނުވި!

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރްގެ ފިލްމު "ބްލައިންޑް" ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި ސްޓްރީމިން ޕްލެޓްފޯމަކުން ގެނެސްދޭން ނިންމި ނަމަވެސް އޭގެ ރައިޓްސް ގަންނާނެ ބަޔަކު ނުވެގެން ފިލްމު ބެލުންތެރިންނަށް ގެނެސްދެވޭނެ އިރަކާ މެދު ސުވާލު އުފެއްދިއްޖެ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ 2021 ގެ ކުރީކޮޅު ސްކޮޓްލޭންޑްގައި ޝޫޓްކޮށްފައި އޮތް ފިލްމަށް އެއްވެސް ސްޓްރީމިން ޕްލެޓްފޯމަކުން ފިލްމުގެ ރައިޓްސް ހޯދަން ބޭނުން ނުވީ މާ ބޮޑު ސަމާލުކަމެއް ލިބިފައިވާ އެއްޗަކަށް ނުވުމުގެ އިތުރަށް ފިލްމުގެ ޓީމުން އެއަށް 40 ކްރޯޑް ރުޕީސް (5 މިލިއަން ޑޮލަރު) ޑިމާންޑްކުރާތީ އެވެ.

މި ފިލްމަކީ "ކަހާނީ" އާއި "ބަދުލާ" ފަދަ މަގުބޫލު ފިލްމުތަކެއް ގެނެސްދިން ޑައިރެކްޓަރު ސުޖޯއި ގޯޝް ޕްރޮޑިއުސްކޮށް، ޝޯމް މަކީޖާ ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. ކާސްޓްގައި ޕޫރަބް ކޯލީ އާއި ލިލީތާ ޑޫބޭގެ އިތުރުން ވިނޭ ޕަތަކް ވެސް ހިމެނޭ "ބްލައިންޑް" އަކީ މި ހަމަ އެ ނަމުގައި ގެނެސްދިން ކޮރެއާގެ 2011 ގެ ކްރައިމް ތުރިލާގެ ރިމޭކެކެވެ.

މި ފިލްމަށް ސްޓްރީމިން ޕްލެޓްފޯމްތަކުން ފުރަގަސް ދެމުން އަންނަ އިރު، މިދިޔަ މަހު ބައެއް މީޑިއާތަކުން ބުނި ގޮތުގައި މިއަށް ޒީ5 އިން ޝައުގުވެރިކަން ފާޅުކުރި އެވެ. އޭގެ ކުރިން ފިލްމުގެ ސްޓްރީމިން ރައިޓްސް ނެޓްފްލިކްސް އަށް ދޭން ފިލްމުގެ ޓީމުން ބޭނުންވި ނަމަވެސް، އެ ކުންފުނިން "ބްލައިންޑް" އަށް ވަނީ ނޫނެކޭ ބުނެފަ އެވެ.

މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ދަރިފުޅު އަދި މިދިޔަ އަހަރު ދަރިޔަކު ވެސް ލިބިފައިވާ ސޯނަމްގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ދަ ޒޯޔާ ފެކްޓާ" އެވެ.