އިއްޔެ ތުރުކީ އާއި ސީރިއާ އަށް އައި ވަރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 4،000 އިން މައްޗަށް އަރައިފި އެވެ.
ދެ ގައުމަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނު ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 4،300 އިން މައްޗަށް މިހާރު އަރާފައިވާ އިރު، މި އަދަދު އަދިވެސް އިތުރުވުމުގެ ފުރުސަތު ބޮޑެވެ. އަދި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމާއި ސަލާމަތްކުރެވުނު މީހުންނަށް ފަރުވާ ދިނުން ފަދަ ކަންކަން މިހާރު އަންނަނީ ކުރަމުންނެވެ.
ރަސްމީ އިދާރާތަކުން ބުނެފައިވާ ގޮތުގައި ތުރުކީން މަރުވި މީހުންގެ އަދަދު 2،900 އަށް ވުރެ ގިނަ އެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 15،000 އަށް ވުރެ ގިނަ އެވެ. ސީރިއާ އިން މަރުވި މީހުންގެ އަދަދު 1،400 އަށް ވުރެ ގިނަ އެވެ.
އިއްޔެރޭ ފަތިހު 4:00 އެހާކަށްހާ އިރު، ތުރުކީ އާއި ސީރިއާ އަށް ބިންހެލުން އައީ ރިކްޓަ މިންގަނޑުން 7.8 ބާރުމިނުގަ އެވެ.
މި ބިންހެލުމާ ގުޅިގެން ބައިނަލްއަގްވާމީ ދުނިޔެއިން ވެސް މިހާރު އަންނަނީ ދެ ގައުމަށް އެހީތެރިކަން ފޯރުކޮށް ދޭން މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި އެމެރިކާ އާއި ދެކުނު ކޮރެއާ ހިމެނެ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ މަރުވާ މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވޭތީ ތުރުކީ އާއި ސީރިއާ އަށް އެހީތެރިކަން ފޯރުކޮށް ދޭން ބައިނަލްއަގުވާމީ ދުނިޔެ އަށް ގޮވާލައިފަ އެވެ.