Last Updated: July 27, 13:31
Monday, July 27, 2026
މުނިފޫހިފިލުވުން

"އިންގްލިޝް ވިންގްލިޝް" ޗައިނާ އަށް

އިންޑިއާގެ ކުރީގެ ބަތަލާ ސްރީދޭވީ މަރުވިތާ ފަސް އަހަރު ފުރުމާ ދިމާކޮށް މި މަހު އޭނަގެ ފިލްމު "އިންގްލިޝް ވިންގްލިޝް" ޗައިނާ ގައި ޕްރީމިއާކުރާ ގޮތަށް ނިންމައިފި އެވެ.

އެ ގައުމުގެ ހަހާހަށް ވުރެ ގިނަ ސިނަމާތަކުގައި 2012 ގައި ރީލީޒްކުރި ފިލްމު ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 24 އިން ފެށިގެންނެވެ. އެ ތާރީހަކީ ސްރީދޭވީ 2018 ގައި މަރުވި ތާރީހެވެ. ޗައިނާގައި "އިންގްލިޝް ވިންގްލިޝް" ދައްކަން ނިންމުމާ ގުޅިގެން ޗައިނާ ބަހުން ތައްޔާރުކޮށްފައިވާ ޕޯސްޓަރުތަކެއް ވަނީ އާންމުކޮށްފަ އެެވެ. އަދި ފިލްމު ދައްކާނީ ވެސް ޗައިނާ ބަހުން ޑަބްކޮށްގެންނެވެ.

އެމެރިކާގައި ދިރިއުޅޭ އިނގިރޭސީން ވާހަކަ ދައްކަން ނޭނގޭ، އިންޑިއާ މީހެއްގެ ވާހަކަ ކިޔައިދިން ކޮމެޑީ ޑްރާމާ "އިންގްލިޝް ވިންގްލިޝް" އަކީ ގޯރީ ޝިންޑޭ ލިޔެ، ޑައިރެކްޓްކުރި ވަރަށް ކާމިޔާބު ފިލްމެކެވެ. އެންމެ 10 ކްރޯޑް ރުޕީސް (1.2 މިލިއަން ޑޮލަރު) ގަ ބަޖެޓަކުން ހެދި މި ފިލްމަކީ ބޮކްސް އޮފީހުގައި 102 ކްރޯޑް ރުޕީސް (12.3 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި އެއްޗެކެވެ.

"އިންގްލިޝް ވިންގްލިޝް" އަކީ ފިލްމެއްގައި މަސައްކަތް ނުކުރާތާ 15 ވަރަކަށް އަހަރު ފަހުން ސްރީދޭވީ ކުޅުނު ފިލްމެކެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2017 ގެ ކްރައިމް ތުރިލާ "މޮމް" އެވެ.

"އިންގްލިޝް ވިންގްލިޝް" ޗައިނާގައި ޕްރީމިއާކުރަން ތައްޔާރުވަމުން އަންނަ އިރު، އެ ގައުމަކީ އިންޑިއާގެ ފިލްމުތަކަށް ބޮޑު ފޯރިއެއް އޮންނަ ގައުމެކެވެ.