ހޮލީވުޑްގެ ވަރުގަދަ ފިލްމަކުން ލިބުނު ފުރުސަތު ގެއްލުނީ ޑައިރެކްޓަރު ކަރަން ޖޯހަރާ ހެދި ކަމަށް ބަޖާޖްގެ ނަމުން މަޝްހޫރު އިންޑިއާގެ އެކްޓަރު ރޯނިތު ރޯއި ބުނެފި އެވެ.
އަންނަ ހުކުރު ދުވަހު ރިލީޒްކުރާ "ޝެހެދާޒާ" ގެ ޕްރޮމޯޝަނަށް އެ ފިލްމުގެ ލީޑް ދެ ތަރިން ކަމަށްވާ ކާތިކް އާރިއަނާއި ކްރިތީ ސެނަންއާ އެކީ ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި މި ހަފުތާގައި ބައިވެރިވެ 57 އަހަރުގެ އެކްޓަރު ބުނީ އޭނަ އަށް ފުރުސަތު ލިބުނު ހޮލީވުޑް ފިލްމަކީ "އެވަޓާ" ގެ ޑައިރެކްޓަރު ޖޭމްސް ކެމެރޮންގެ ކުރީގެ އަންހެނުން ކެތުރީން ބިގެލޯގެ 2012 ގެ ފިލްމު "ޒީރޯ ޑާކް ތާޓީ" އިން ކަމަށެވެ.
ޖެސިކާ ޗެސްޓެއިން އާއި ޖޭސަން ކްލާކާއި ޖޮއެލް އެޑްގާޓަން އަދި މާކް ސްޓްރޯންގް ފަދަ ތަރިން ހިމެނޭ ކްރައިމް ތުރިލާ އިން ރޯލެއް ލިބުނީ އޮޑިޝަނަކާ ވެސް ނުލައި ކަމަށް ބަޖާޖް ބުންޏެވެ.
"ޒީރޯ ޑާކް ތާޓީ" އަކީ ފަސް ކެޓަގަރީއަކުން އޮސްކާ އެވޯޑަށް ނޮމިނޭޓްވެ، ބެސްޓް ސައުންޑް އެޑިޓިންގެ އެވޯޑް ލިބުނެވެ. ފިލްމު ނޮމިނޭޓްވި ކެޓަގަރީތަކުގެ ތެރޭގައި މޮޅު ފިލްމާއި މޮޅު އޮރިޖިނަލް ސްކްރީންޕްލޭ ވެސް ހިމެނެ އެވެ.
އަލްގައިދާ ކުރީގެ ލީޑަރު އުސާމާ ބިން ހޯދަން އެމެރިކާ އިން ކުރި މަސައްކަތަށް ބިނާކޮށް ހެދި "ޒީރޯ ޑާކް ތާޓީ" އިން ގެއްލުނު ފުރުސަތާ ބެހޭ ގޮތުން ބަޖާޖް ބުނީ އެ ފިލްމުގައި މަސައްކަތް ނުކުރެވުނީ އޭރު ކަރަންގެ 2012 "ސްޓޫޑެންޓް އޮފް ދި އިޔާ" ގެ މަސައްކަތް ކުރަމުން ދިއުމުން ކަމަށެވެ.
އެ ފިލްމަކީ ވަރޫން ދަވަނާއި އާލިއާ ބަޓްގެ އިތުރުން ސިދާތު މަލްއުތުރާ ބޮލީވުޑަށް ނެރުނު ފިލްމެވެ.
"ޒީރޯ ޑާކް ތާޓީން އެއްވެސް އޮޑިޝަކާ ނުލައި ލިބުނު ރަނުގެ ފުރުސަތު އަހަންނަށް ގެއްލުނީ ސްޓޫޑެންޓް އޮފް ދި އިޔާ އަށް ސޮއިކޮށް އަހަރެންގެ ޑޭޓްތައް އެއްކޮށް ކަރަން އަށް ދީފައި އޮތީމަ. އެހެންވެ އޭނަ ގަބޫލެއް ނުވި، އޭގެ މަސައްކަތް ހުއްޓާލާފައި އަހަރެން ހޮލީވުޑްގެ ފިލްމަށް ދާކަށް،" ސިލްސިލާ ކަސޯޓީ ޒިންދަގީ ކޭގައި ބަޖާޖްގެ ރޯލު ކުޅުނު އެކްޓަރު ބުންޏެވެ. "އަނެއްކޮޅުން ހޮލީވުޑަކީ އެ މީހުންގެ ފުރަތަމަ ޕްލޭންކުރާ ގޮތަށް ހިލާފަށް މަސައްކަތް އަލުން ޝެޑިއުލްކުރާ ބައެއް ވެސް ނޫން. އެހެންވެ ފިލްމުން ލިބުނު ފުރުސަތު ބޭނުން ހިފޭނެ ގޮތެއް ނެތީމަ ދޫކޮށްލުން ނޫން އެއްވެސް އިހުތިޔާރެއް އަހަންނަކަށް އޭރަކު ނެތް."
"ޒީރޯ ޑާކް ތާޓީ" އަކީ ޑިސެމްބަރު 19، 2012 ގައި ރިލީޒްކުރި ފިލްމެކެވެ. "ސްޓޫޑެންޓް އޮފް ދި އިޔާ" ރިލީޒްކުރީ އެ އަހަރުގެ އޮކްޓޯބަރު 19 ގަ އެވެ. އެ ފިލްމުގައި ބަޖާޖް ކުޅުނީ ކަރަން ޝާހް ކިޔާ ސްޕޯޓްސް ކޯޗެއްގެ ރޯލެވެ.
ބަޖާޖަކީ ފިލްމުތަކާއި ޓީވީ ސިލްސިލާތަކާއި ވެބް ސީރީޒްތަކުގައި މަސައްކަތް ކުރަމުން އަންނަ ބިޒީ ތަރިއެކެވެ.