Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

މަޖިލީހުން މެންބަރުން ނެރުނީ ސިފައިންނެއް ނޫން

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރިޔާސީ ބަޔާން އިއްވި ޖަލްސާގައި ނަން އިއްވި މެންބަރުން މަޖިލީހުގެ ތަޅުމުން ނެރުނީ ސިފައިން ނޫން ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ރިޔާސީ ބަޔާން އިއްވުމަށް އިއްޔެ ބޭއްވި ޖަލްސާ ފެށުމުން އިދިކޮޅަށް ނިސްބަތްވާ މެންބަރުން މަޖިލީހުގައި އަޑުގަދަ ކުރަން ފެށުމުން އެ މެންބަރުންގެ ނަން އިއްވާ ވަނީ މަޖިލީހުގެ ތަޅުމުން ގަދަކަމުން ނެރެފައެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފްއިން ބުނެފައިވަނީ އިއްޔެގެ ޖަލްސާގައި ނަން އިއްވި މެންބަރުން ޗެމްބަރު ތެރޭން ނެރުމުގައި ގައުމީ ދިފާއީ ބާރުން ހަރަކާތްތެރި ނުވާކަމަށެވެ. އަދި އެކަމުގައި ހަރަކާތްތެރިވީ މަޖިލީހުގެ ސެކިއުރިޓީން ކަމަށާއި މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގައުމީ ދިފާއީ ބާރުގައި އެދިފައި ނުވާ ކަމަށެވެ.

ނަން އިއްވި ބައެއް މެންބަރުން ނެރުމަށް އަންހެން ސެކިއުރިޓީން ބޭނުންކުރުމުން އެކަމުގައި ވެސް ފާޑުކިޔުން އަމާޒުވެފައިވެއެވެ.

އިއްޔެގެ ޖަލްސާގައި ނަން އިއްވާފައިވަނީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް، ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފްއެވެ.