Last Updated: June 29, 10:25
Monday, June 29, 2026
ޚަބަރު

އައްޑޫގައި ޓްރެފިކް ޕޮލިހުންގެ ހިދްމަތް ފަށައިފި

އައްޑޫގައި މިއަދު ރަސްމީކޮށް ޓްރެފިކް ފުލުހުންގެ ހިދްމަތް ފަށައިފިއެވެ.

ކުރީގެ ހިތަދޫ ޕޮލިސް ސްޓޭޝަން ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޓްރެފިކް ފުލުހުންގެ ހިދްމަތް ރަސްމީކޮށް ފައްޓަވާ ދެއްވީ އައްޑޫގެ ޑެޕިއުޓީ މޭޔަރ އަބްދުﷲ ޠޮއްޔިބް (ޓޮމް)އެވެ.

މި ރަސްމިއްޔާތުގައި ދެކުނު ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަގުމަތީގެ ރައްކާތެރިކަން ކަމާއި ގުޅޭ މައްސަލައެއް ކަމަށެވެ. އަދި ފުލުހުން އެންމެ ގިނައިން އެޓެންޑްވެފައިވަނީ ވެސް ދުއްވާ އެއްޗެއްސާއި ގުޅުން ހުރި ކޮންމެވެސް މައްސަލައެއްގައި ކަމަށެވެ.
DSC_0925

ޝިފާން ވިދާޅުވީ ޓްރެފިކް ޕޮލިހުންގެ ހިދްމަތް އިފްތާހު ކުރެވުން ހިމެނިގެން ދަނީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ މޭޔަރ ޓޮމް ވިދާޅުވީ ދެރަ މީހާއަށް ދެރަގޮތް، މޮޅު މީހާއަށް މޮޅުގޮތް ހެދުމުގެ ބަދަލުގައި ހަމަހަމަ ގޮތަކަށް ޓްރެފިކްގެ ހިދްމަތް ފޯރުކޮށްދީ އައްޑޫ އަކީ މަގުތައް އަމާން ތަނަކަށް ހައްދަވައި ދެއްވުމަށެވެ. އަދި ފުލުހުންގެ ފަރާތުން އައްޑޫގެ މަގުތައް އަމާން ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތައް ޝުކުރު އަދާ ކުރެއްވިއެވެ.

ޓޮމް ވިދާޅުވީ މި ހިދްމަތާއި، ގުޅިގެން ތަފާތު ފޯނު ކޯލްތައް އަންނާނެ ކަމަށާއި، ކައުންސިލުން އަބަދުވެސް ފުލުހުންނަށް ފުރިހަމަ އެއްބާރު ލުމެއް ދޭނެ ކަމަށެވެ.
DSC_0941

މި ރަސްމިއްޔާތުގައި ހެޑް އޮފް ޑިވިޝަނަލް އޮޕަރޭޝަންސް އެސިސްޓެންޓް ކަމިޝްނާ އޮފް ޕޮލިސް އަލީ ރަޝީދު ވިދާޅުވީ މިއަދު މި އިފްތިތާހް ކުރެވޭ ހިދްމަތަކީ އައްޑޫގެ ރައްޔިތުންނަށް އަމާން ކަން ފޯރުކޮސް ދިނުމަށް ކޮށާލެވޭ މަގެއް ކަމަށެވެ. އަދި މާލެ ފިޔަވައި ރާއްޖޭގެ އެންމެ ގިނަ ނުރައްކާތެރި އެކްސިޑެންޓް ހިނގާފައިވަނީ އައްޑޫގައި ކަން ފާހަނގަ ކޮށް އެކަންކަން ހައްލު ކުރުމަށް ޕްރޮފެޝަނަލް ގޮތެއްގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީން ކަން ދެއްވިއެވެ.

މި ރަސްމިއްޔާތަށް ފަހު ޓްރެފިކް ޕޮލިހުން ވަނީ ހިތަދޫގެ ބައެއް ސަރަހައްދުތަކުގައި ޓްރެފިކް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކޮށްފައެވެ.

މީ މާލެ ފިޔަވައި ރާއްޖޭގައި ރަސްމީކޮށް ޓްރެފިކް ޕޮލިހުންގެ ހިދްމަތް ފެށި ހަމައެކަނި ސަރަހައްދެވެ.