އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ނެރުނު ތިން ވިޕް ލައިނަކާ ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި ޚިލާފުވުމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އަށް އެ ޕާޓީން ދޭ އިނާޔަތްތައް އިއްޔެ ކަނޑާލައިފި އެވެ.
ވިޕްލައިނާ ޚިލާފަށް އޭނާ ވޯޓުދިން ކަންކަމުގެ ތެރޭގައި ހިމެނެނީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލަށް ވޯޓް ނުދެއްވުމާއި މިދިޔަ އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓަށް ވޯޓް ނުދެއްވުމުގެ އިތުރަށް މި އަހަރަށް ލަފާކުރާ ބަޖެޓަށް ވޯޓް ނުދެއްވުމެވެ.
މި ބިލްތަކަށް ވޯޓުލުމަށް ނެރުނު ވިޕްލައިނާ ޚިލާފުވުމުން ބޮންޑެއަށް ތިން ފަހަރެއްގެ މަތިން ސިޓީ ފޮނުވައި ފިޔަވަޅު އަޅާފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ ޓެކްސް ބޮޑުކުރާ ބިލްގެ ވިޕްލައިނާ ޚިލާފުވުމުން މިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އޭނަ އަށް ފޮނުވި ސިޓީގައި ވަނީ ވިޕްލައިނާ ޚިލާފު ނުވުމަށް ނަސޭހަތްތެރިވެފައިވެ އެވެ. އަދި ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭގޮތުން އޭނާއަށް ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ދެނަވަ ފަހަރަށް ނަސޭހަތްތެރިވެ މަޢާފަށް އެދުމަށް ދަންނަވާއިވެ ފައެވެ. މީގެ އިތުރުން ތިންވަނަ ފަހަރަށް ވިޕްލައިނާ ޚިލާފުވުމުން ހަމަ އެ ދުވަހު ވަނީ ބޮންޑެ އަށް ޕާޓީން ދޭ އިނާޔަތްތައް ކަނޑާލަން ފިޔަވަޅު އަޅާ ކޮމިޓީން ނިންމައި އެކަން އެމްޑީޕީގެ ޗެއާޕާސަނަށް އަންގާފައިވެ އެވެ.
މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގައި ހުންނެވި ބޮންޑޭ އަށް އެޅި ފިޔަވަޅުތަކާ ގުޅިގެން އޭނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމަށް ފޮނުވި ސިޓީއެއްގައި އޭނާ ވިޕްލައިނާ ޚިލާފުވި ސަބަބު ބަޔާންކޮށްދެއްވާފައިވެ އެވެ.
"ވިޕްލައިންނާ ޚިލާފުވި އެތަކެއް މެމްބަރުންނަށް އަދި ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ މެމްބަރުންނަށް ވެސް އެއްވެސް ފިޔަވަޅެއް ނާޅައި ވަކި ބަޔަކަށް ފިޔަވަޅު އެޅުމަކީ ތަފާތުކުރުން." ބޮންޑޭގެ ސިޓީގައި ވެއެވެ.
ވިޕް ލައިނާ ޚިލާފުވުމުން ހަމަ އެކަނި އޭނާއަށް ފިޔަވަޅު އެޅުމަކީ ވަކި ފިކުރެއް ނައްތާލަން ކުރާ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.