Last Updated: July 16, 15:35
Thursday, July 16, 2026
ކުޅިވަރު

ބިންހެލުމުގައި ގެއްލުނު އަޓްސޫ ފެނިއްޖެ

ތުރުކީ އަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި ގެއްލުނު ގާނާގެ ވިންގާ ކްރިސްޓިއަން އަޓްސޫ ދިރިހުއްޓާ މިއަދު ފެނިއްޖެ އެވެ.

އަޓްސޫ ،31، ފެނިފައިވަނީ އިމާރާތެއްގެ ދަށުން ކަމަށްވާއިރު އޭނާ އަށް ހޮސްޕިޓަލުގައި އަންނަނީ އިތުރު ފަރުވާ ދެމުންނެވެ.

އަޓްސޫ މިހާރު ކުޅެމުން އަންނަނީ ތުރުކީގެ ހެޓޭސްޕޯ އަށެވެ. އެޓީމަށް އަޓްސޫ ބަދަލުވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އަޓްސޫއާ އެކު އެޓީމުގެ ސްޕޯޓިން ޑިރެކްޓަރު ޓަނާ ސަވުތު ވެސް ގެއްލުނުއިރު އޭނާ އަދި ފެނިފައެއް ނުވެ އެވެ.

2011 ވަނަ އަހަރު ޕޯޓޯ އިން ކްލަބް ކެރިއަރު ފެށި އަޓްސޫ ވަނީ ޕްރައިމިއާ ލީގުގެ ގިނަ ކްލަބުތަކަކަށް ކުޅެފަ އެވެ. އޭގެތެރޭގައި ޗެލްސީ އާއި އެވަޓަން އާއި ބޯންމައުތުގެ އިތުރުން ނިއުކާސަލް ޔުނައިޓެޑް ހިމެނެ އެވެ.

އިއްޔެ ތުރުކީ އާއި ސީރިއާ އަށް އައި ވަރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 4،000 އަށް ވުރެ މައްޗަށް މިހާރު ވަނީ އަރާފަ އެވެ.

މި ބިންހެލުމާ ގުޅިގެން ބައިނަލްއަގްވާމީ ދުނިޔެއިން ވެސް މިހާރު އަންނަނީ ދެ ގައުމަށް އެހީތެރިކަން ފޯރުކޮށް ދޭން މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި އެމެރިކާ އާއި ދެކުނު ކޮރެއާ ހިމެނެ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ މަރުވާ މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވޭތީ ތުރުކީ އާއި ސީރިއާ އަށް އެހީތެރިކަން ފޯރުކޮށް ދޭން ބައިނަލްއަގުވާމީ ދުނިޔެ އަށް ގޮވާލައިފަ އެވެ.