އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ބައެއް މަގުތަކުގެ ޕޭވްމެންޓް ހަދަމުންދަނީ މާ ބޮޑަށް ފުޅާކޮށްކަމަށް ބުނެ ކުރަމުންދާ ޝަކުވާތައް އިތުރުވެއްޖެއެވެ.
މަގު ހެދުމުގެ މަޝްރޫޢު ކުރިއަށްދާއިރު މަގުތައް ހަދަމުންދަނީ ޑިޒައިން ކުރެވި އެ ޑިޒައިން މިނިސްޓްރީގެ ބެލުމުގެ ދަށުން އެޕްރޫވް ކުރެވިގެންނެވެ. މިމަސައްކަތް ކުރަމުންދާއިރު ބައެއް މަގުތަކުގައި ޑިޒައިން މައްސަލައާއި ގުޅިގެން މީގެ ކުރީންވެސް ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިހާރު އެ މަގު އޮތް ގޮތުން ދުއްވަން ޖެހޭ ސަރަހައްދު ވަރަށް ބޮޑަށް ހަނިވެއެވެ. މިކަމުގެ ކަންބޮޑުވުން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި މަގު ބޭނުން ކުރާ ފަރާތްތަކުން ދަނީ ކުރަމުންނެވެ. މިމައްސަލަ އެންމެ ފަހުން ދިމާވެފައިވަނީ ހިތަދޫގެ ހުސެއިނީ މަގުގައެވެ.

މިމައްސަލައިގައި އައްޑޫސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއު ވިދާޅުވީ، މިކަމުގެ ޝަކުވާތައް ލިބުމުން ކައުންސިލާއި މިނިސްޓްރީ ދެމެދު ބޭއްވޭ ކޯޑިނޭޝަން ބައްދަލުވުންތަކުގައި ވެސް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މިމައްސަލައަށް ހައްލެއް ނައިސް، މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އަދި ކައުންސިލާއި ހަމައަށް މިޝަކުވާތައް މިހާރުވެސް އަންނަމުންދާ ކަމަށް ވިދާޅުވިއެވެ.
މިމައްސަލައިގައި އައްޑޫލައިވްއިން ސުވާލުކުުރުމުން ހައުސިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސޯދިޤް ވިދާޅުވީ، މިމައްސަލަ ޑިޒައިން މަރުހަލާގައި ފާހަގަ ވެފައި ނެތްނަމަވެސް މިހާރު އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން ހުސެއިނީ މަގުގެ ޕޭވްމެންޓް އެޅުމަށް މިހާރު ގާ ޖައްސާފައި ހުރީ 3 މީޓަރުގައި ކަމަށާއި، ނަމަވެސް އަސްލު ޕޭވްމެންޓް އޮންނާނީ 2 މީޓަރުގައި ކަން ސޯބެ ފާހަގަ ކުރިއެވެ. އަދި އޭގެ ކުރިއަށް 1 މީޓަރު ލާފައި ވަނީ ގަސް ޖެހުމަށް ކަމަށް ވިދާޅުވިއެވެ.

ނަމަވެސް މިގޮތަށް ޑިޒައިން ހުރުމުން މަގުގެ ދުއްވަން ލިބޭނީ 6 މީޓަރުގެ ފުޅާ ސަރަހައްދެއް ކަމުން މަގު ވަރަށް ބޮޑަށް ހަނިވާކަން ފާހަގަ ވެފައިވާ ކަމަށެވެ. އެހެން ކަމުން މިހާރު ކޮންޓްރެކްޓަރާއި މަޝްވަރާ ކުރެވި އެކަން ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެ މަގުގައި ޕާކިން ޖާގަވެސް ކުޑަކަން ފާހަގަކޮށް އެކަންވެސް ބަލުމުންދާ ކަމަށް ވިދާޅުވިއެވެ.
އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން 52 ކިލޯމީޓަރު މަގު ހެދުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރެއިން ފުޅާ ބޮޑެތި މަގުތައް ހަދާނީ ތާރު އަޅައިގެންނެވެ. މިމަސައްކަތް ކުރިއަށްދާއިރު ރައްޔިތުންގެ ޝަކުވާތައް ހުންނަ ނަމަ އެކަމުގައި ކައުންސިލާއި ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް މީގެ ކުރީން ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.