Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

މިދިޔަ އަހަރު 6،500 އެނދު އިތުރުވި

ވާދެމުމުގެ މުބާރާތުގައި ފަތުރުވެރިން ބައިވެރިވެފައި: ފޮޓޯ - އޭއޯ ނިއުސް

ދެހާސް އެކަވީސްވަނަ އަހަރުގެ ނިޔަލަށް އޮޕަރޭޓް ކުރަމުންދިޔަ އެނދުތަކަށްވުރެ މިއަހަރު ނިމުނު އިރު އޮޕަރޭޓް ކުރަމުންދިޔަ އެނދުތަކުގެ އަދަދު 6558 އެނދުން އިތުވެފައިވާ ކަމަށް މޯލްޑިވްސްމަނިޓަރީ އޮތޯރިޓީ،(އެމްއެމްއޭ) އާންމުކޮށްފައިވާ ޖެނުއަރީ މަހުގެ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުގައި ބުނެފި އެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2021 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީ ހުރީ ގާތްގަނޑަކަށް 53،100 ގައެވެ. ނަމަވެސް މިދިޔަ އަހަރުގެ ނިޔަލަށް މި ކެޕޭސިޓީ ވަނީ 59،640 އަށް އަރާފައެވެ. މިއީ 6000 ގެ އިތުރުވުމެކެވެ.

މީގެ އިތުރަށް ޖުމްލަ ކެޕޭސީޓީ 2021 ވަނަ އަހަރު ނިޔަލަށް 57،000 ގައި ހުރިއިރު މިދިޔަ އަހަރުގެ ނިމުނު އިރު 3000 އެނދު އިތުރުވެ، ޖުމްލަ ކެޕޭސިޓީ 60،000 އަށް ވަނީ އަރާފައެވެ. ރާއްޖޭގައި އޮޕަރޭޓް ކުރާ ޓުއަރިސްޓް އެނދުތައް ގުނަނީ ރިސޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ސަފާރީ ހިމަނައިގެންނެވެ.

އެމްއެމްއޭއިން އެނެމެ ފަހުން ޝާއިއުކޮށްފައިވާ އިކޮނޮމިކް އަޕްޑޭޓްގައިވާ ގޮތުގައި، އޮޕަރޭޝަނަލް ކެޕޭސިޓީ މިދިޔަ އަހަރުގެ ނިޔަލަށް 6558 އެނދުން ވަނީ އިތުރުވެފައެވެ. ނަމަވެސް 2021 ވަނަ އަހަރު ނިމުނުއިރު %71 ގައި ހުރި އޮކިއުޕެންސީ މިދިޔަ އަހަރު ނިމުނުއިރު ހުރީ %61 އަށް ތިރިވެފައެވެ.

ޖުމްލަ ގޮތެއްގައި 2022 ވަނަ އަހަރު ފަތުރުވެރިން އައި މިންވަރު އޭގެ ކުރިން އަހަރާއި އަޅާބަލާއިރު %27 އިތުރުވެރުވެފައިވާ ކަމަށް އެމްއޭމްއޭއިން ބުނެއެވެ. އަދި ފަތުރުވެރިން ރާއްޖޭގައި ހޭދަ ކުރާ މުއްދަތު ނުވަތަ ބެޑްނައިޓް %22 އިތުރުވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ. މިގޮތުން 2021 ވަނަ އަހަރު އެވްރޭޖް ގޮތެއްގައި ފަތުރުވެރިން ރާއްޖޭގައި 8.4 ދުވަސް ހޭދަކުރާއިރު، މިދިޔަ އަހަރު އެވެރޭޖްކޮށް ހޭދަކޮށްފައިވަނީ 7.8 ދުވަހެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ރާއްޖެއަށް ޖުމްލަ 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އޭގެ ކުރީން އަހަރު ޒިޔާރަތްކޮށްފައިވަނީ 1.3 މިލިއަން ފަތުރުވެރިންނެވެ. މިއަހަރު ސަރުކާރުގެ އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ކަމަށް ސަރުކާރުން ބުނެއެވެ.