ބިންހެލުމާ ގުޅިގެން ސީރިއާގައި ބިމާއި ހަމަވި އިމާރާތެއްގެ ދަށުން ތުއްތު ކުއްޖަކު ދިރިހުއްޓާ ސަލާމަތްކޮށްފި އެވެ.
ފަސް ބުރީގެ އިމާރާތެއްގެ ދަށުން މި ތުއްތު ކުއްޖާ ފެނުނީ ފޫޅުން މަންމައާއި އެކު ގުޅިފައި އޮއްވަ އެވެ. ނަމަވެސް އެ ކުއްޖާގެ މަންމަ، އަފްރާ އަބޫ ހާދިޔާ މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ.
ރިޕޯޓުތައް ބުނާގޮތުން އެ އިމާރާތް ވެއްޓުމާ ގުޅިގެން މުޅި އެ އާއިލާ އިން ވެސް ސަލާމަތްވީ އެ ކުއްޖާ އެކަންޏެވެ. އިންކިއުބޭޓަރ އެއްގެ ތެރޭގައި ބާއްވައިގެން އެ ކުއްޖާ އަށް ފަރުވާ ދެމުންދާއިރު އެކިވަރުގެ އަނިޔާތައް އެ ކުއްޖާ އަށް ލިބިފައި ހުރި ޑޮކްޓަރު ހާނީ މައުރޫފް ވިދާޅުވި އެވެ. ނަމަވެސް އެ ކުއްޖާ އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.
ބިންހެލުމުގައި ސީރިޔާ އިން 1،900 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު ތުރުކީން ވަނީ 5،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. އެއާއެކު ބިންހެލުމުގައި މަރުވި މީހުންްގެ އަދަދު މިހާރު ވަނީ 8،000 އާއި ގާތްކޮށްފަ އެވެ. މި އަދަދު މިއަށް ވުރެ ވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ބިންހެލުމާ ގުޅިގެން ބިމާ ހަމަވި އިމާރާތްތަކުގެ ދަށުގައި ގިނަ ބަޔަކު ތާށިވެފައިވާ އިރު އެމީހުން ސަލާމަތް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ.