Last Updated: July 27, 13:32
Monday, July 27, 2026
މުނިފޫހިފިލުވުން

ޝާހިދަށް އަނެއްކާ ވެސް ޑަބަލް ރޯލެއް

ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރަށް އަނެއްކާ ވެސް ޑަބަލް ރޯލެއް ކުޅުމުގެ ފުރުސަތު ލިބިއްޖެ އެވެ.

މީޑިއާތަކުން ބުނީ 2009 ގެ "ކަމީނޭ" ގައި ޑަބަލް ރޯލެއް ކުޅުނު އެކްޓަރު ދެން ޑަބަލް ރޯލެއް ކުޅޭނީ ޑައިރެކްޓަރު އަނީސް ބަޒްމީގެ ފިލްމެއްގައި ކަމަށެވެ. ޕިންކްވިލާ އިން ބުނީ މިދިޔަ އަހަރު "ބޫލް ބުލައްޔާ 2" ގެނެސްދިން ޑައިރެކްޓަރުގެ ފިލްމުގެ ސްކްރިޕްޓް އަންނަ މަހުގެ ތެރޭގައި ނިންމާލައި، ފިލްމުގެ ޝޫޓިން ފަށަން ތާވަލުކޮށްފައި ވަނީ މި އަހަރުގެ ޖޫން/ޖުލައި ހިސާބުގައި ކަމަށެވެ.

ނަމެއް އަދި ސާފު ނުވާ އަނީސްގެ ފިލްމުގެ މަސައްކަތް ޝާހިދު ފެށުމުގެ އޭނަ ސޮއިކޮށްފައި އޮތް އެހެން ދެ ފިލްމެއްގެ މަސައްކަތް ނިންމާނެ އެވެ. އެއީ ކްރިތީ ސެނަންއާ އެެކީ ކުޅޭ ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދާ ރޮބޮޓިކް ލަވް ސްޓޯރީއަކާއި 2013 ގެ މަލަޔާޅަމް ފިލްމު "މުމްބާއީ ޕޮލިސް" ގެ ރިމޭކެވެ.

ޕިންކްވިލާ އިން ބުނީ ޝާހިދުގެ ފިލްމަށް މި މަސް ނިިމުމުގެ ކުރިން ބަތަލާއަކު ވެސް ހަމަޖައްސާނެ ކަމަށާއި ފިލްމަށް ނަގާނީ އޭ-ލިސްޓް ބަތަލާއެއް ކަމަށެވެ. މި ފިލްމު ވާނީ އަނީސްއާ އެކީ ޝާހިދު މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ 41 އަހަރުގެ އެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޖާޒީ" އެވެ. އަންނަ ހުކުރު ދުވަހު ޝާހިދުގެ ފުރަތަމަ ވެބް ސީރީޒް "ފަރްޒީ" އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ އިރު، އޭނަގެ ކުރިއަށް އޮތް ފީޗާ ފިލްމަކީ އަދި ރިލީޒްކުރާނެ ތާރީހެއް އިއުލާން ނުކުރާ "ބްލަޑީ ޑެޑީ" އެވެ.