ސޯޝަލް މީޑިއާ މެދުވެރިކޮށް ތަފާތު އެކި ކަހަލަ މެސެޖްތައް މަޖާ ގޮތްގޮތަށް ގެނެސްދީގެން ކާއްޓޭ ޑިވާންޗޯގެ ނަމުން މަގުބޫލުކަން ހޯދި ކޮމީޑިއަން ނަޒީރު ޝިހާމްގެ ފުރަތަމަ ފީޗާ ފިލްމު "ވަނާޖްބޭސާގެ ޓީޒާއެއް ދައްކާލައިފި އެވެ.
ފަހަކަށް އައިސް ވަރަށް ގިނަ ޓީވީ އިޝްތިހާރުތަކުން ވެސް ކާއްޓޭއާ އެކީ ފެންނަ ހުސައިން ސާދު (މަޓޭ) ވެސް ހިމެނޭ މި ފިލްމަކީ ފިލްމީ ދާއިރާގެ މަސައްކަތްތަކެއް ކުރަމުން އަަންނަ ވިޝާލް ޒަކީ ޑައިރެކްޓްކުރާ އެއްޗެކެވެ. މީގެ އަހަރުތަކެއް ކުރިން އޭނަ "ޕްލޭން ބީ" ގެ ނަމުގައި ވެސް މަޝްހޫރު ތަރިންތަކެއް ހިމަނައިގެން ފިލްމެއް ގެނެސްދޭން އުޅުނެވެ.
އެކަމަކު "ޕްލޭން" އަދިވެސް އޮތީ ބެލުންތެރިންނަށް ގެނެސްނުދެވި އެވެ.
ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ހަދާ ވިޝާލްގެ "ވަނާޖުބޭސާ" މި އަހަރު އޮލިމްޕަހަށް ގެންނަން އަމާޒު ހިފާފައިވާ އިރު، މީގެ ކާސްޓްގައި އެމްއެންޑީއެފުން އުފެއްދި "ހާދަރު" ގައި ނެގަޓިވް ރޯލެއް ކުޅުނު މުހައްމަދު ސައީދާއި ރިޝްމާ ކިޔާ ފަންނާނަކު ވެސް ހިމެނެ އެވެ.