މަތިންދާބޯޓް އުފައްދާ އެމެރިކާގެ މަޝްހޫރު ކުންފުނި ބޮއިން އިން މުވައްޒަފުން މަދުކުރަން ނިންމައިފި އެވެ.
އެ ކުންފުނިން ބުނި ގޮތުގައި 2،000 އެއްހާ މުވައްޒަފުން މަދުކުރަން ނިންމާފައި ވަނީ ހިއުމަން ރިސޯސް އާއި ފައިނޭންސް ޑިޕާޓްމަންޓުންނެވެ. އަދި އެ ދާއިރާތަކުން މުވައްޒަފުން މަދުކުރުމަށް ފަހު މި އަހަރު އެންމެ ބޮޑަށް އިސްކަން ދޭން ނިންމާފައި ވަނީ އިންޖިނިއަރިން އާއި މެނުފެކްޗަރިން ދާއިރާގެ މަސައްކަތްތަކަށް ކަމަށް ބޮއިން ބުންޏެވެ.
މުވައްޒަފުން މަދުކުރަން ނިންމުމާ ގުޅޭ ގޮތުން އެ ކުންފުނިން ބައެއް މީޑިއާތަކަށް ބުނީ މިކަން ކުރާނީ ވަރަށް ދެފުށް ގޮތަށް ކަމަށާއި މުވައްޒަފުން މަދުކުރާ އިރު، އެ މީހުންނަށް ކުންފުނީގެ އުސޫލުތަކުގެ ތެރެއިން ލިބެން ޖެހޭ ހުރިހާ އިނާޔަތްތަކެއް ވެސް ލިބޭނެ ކަމަށެވެ.
ބޮއިން ބުނި ގޮތުގައި މުވައްޒަފުންތަކެއް މަދުކުރުމަށް ފަހު، ވަޒީފާތަކުގެ ތިންބައިކުޅަ އެއްބައި އިންޑިއާގެ ބެންގަލޫރްގައި ހިންގަމުން އަންނަ ޓާޓާ ކޮންސަލްޓިން ސާވިސެސް އަށް އައުޓްސޯސްކުރާނެ އެވެ.

މިދިޔަ އަހަރު ބޮއިން އިން 15،000 މުވައްޒަފުން އަލަށް ނެގި އިރު، މި އަހަރުގެ ތެރޭގައި އިތުރު 10،000 މުވައްޒަފުން ނަގާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ 106 އަހަރު ކުރިން ވުޖޫދަށް އައި ކުންފުނީގެ މުވައްޒަފުންގެ އަދަދު މިހާރު 156،000 އަށް ވުރެ ގިނަ އެވެ.