ގަން އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއު އިންޑިއާގެ ރެނާޓާސް ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއަައިއޭ) އިން ބުނެފި އެވެ.
ގަން އެއާޕޯޓަށް 80 އަހަރު ފުރުމުގެ މުނާސަބަތުގައި ގަމުގައި މިއަދު ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން އޭއަައިއޭގެ ޗެއާމަން އަޒާން އަހުމަދް ޒުހެއިރު ވިދާޅުވީ އެ މަސައްކަތް އިންޑިއާގެ ރެނާޓަސް ކުންފުންޏަށް މީގެ މަހެއްހާ ދުވަސް ކުރިން ދީފައިވާ ކަމަށެވެ. އެހެންވެ އެއާޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވިދާޅުވި އެވެ.
އެގޮތުން ޒަމާނީ ފެންވަރަށް ޓާމިނަލް ތަރައްގީކޮށް، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖުތަކުގެ އިތުރުން، އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަނެއް ގާއިމުކުރަން ހަމަޖެހިފަ އެވެ. އަދި އެއާޕޯޓުގައި ކޯލްޑް ސްޓޯރޭޖަކާ އެކީ ކާގޯ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް، މަގުތައް ހަދައި ޕާކިންގެ އިތުރުން އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ގަން އެއާޕޯޓް ތަރައްގީކުރެވުމުން ދެކުނު އިގުތިސާދީ ހަބަކަށް ވާނެ އެވެ.
ގަން އެއާޕޯޓް ތަރައްގީ ކުރަން ހިންގާ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގަން ހަމަޖެހިފައިވާ މަޝްރޫއެކެވެ. އެގޮތުން އެ އެއާޕޯޓަށް 17 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވާ އިރު، އެތަން ތަރައްގީ ކުރަން ނިންމާފައި ވަނީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށެވެ.