Last Updated: June 14, 09:27
Sunday, June 14, 2026
ޚަބަރު

ރިކަވަރީ ލޯނުގެ ދައްކާ މުއްދަތު އިތުރުކޮށް ދެނީ

ކޮވިޑްގެ ހާލަތާ ވިދިގެން ކުރިމަތިވި ދަތިތަކަށް އެހީވުމުގެ ގޮތުން ސަރުކާރުން ތައާރަފުކުރި ކޮވިޑް-19 ރިކަވަރީ ލޯނު ސްކީމުން ލޯނު ލިބުނު ފަރާތްތަކަށް ދިން ގްރޭސް ޕީރިއަޑް އިތުރުކޮށް ދޭން ސަރުކާރުން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ އިކޮނޮމިކް ރިލީފް ޕެކޭޖުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދިން ކޮވިޑް-19 ރިކަވަރީ ލޯނު ސްކީމުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ގްރޭސް ޕީރިއަޑް ޖުމުލަ 19 މަސް ދުވަހުގެ މުއްދަތަކަށް، އެކަމަށް އެދި ބީއެމްއެލްއަށް ހުށަހަޅާ ފަރާތްތަކަށް އިތުރުކޮށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ގްރޭސް ޕީރިއަޑް އިތުރު ކުރެވޭނީ ކުރިން އެ މުއްދަތު އިތުރުކުރުމަށް ހުޅުވާލި ފުރުސަތުގައި ގްރޭސް ޕީރިއަޑް 19 މަހަށް އިތުރުކޮށްދެވިފައި ނުވާ ފަރާތްތަކަށެވެ.

މީގެ އިތުރުން ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު، ގްރޭސް ޕީރިއަޑް ހިމެނޭ ގޮތަށް ޖުމުލަ 103 މަސްދުވަހުގެ މުއްދަތަކަށް އިތުރުކުރުމުގެ ފުރުސަތު ލޯނު ނަގާފައިވާ ހުރިހާ ފަރާތަކަށް ވެސް ވަނީ ހުޅުވާލައިފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ސްކީމަކީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި އިގުތިސާދީ ހީނަރުކަމުން އަރައިގަތުމަށް ވިޔަފާރިތަކަށް ވަރކިންގ ކެޕިޓަލް ފޯރުކޮށްދީ، މުވައްޒަފުންގެ ވަޒީފާއަށް އަސަރު ނުކުރާގޮތަށް އެ ދަތި ދަނޑިވަޅުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ހުޅުވާލެވުނު ސްކީމެއް ކަމަށެވެ. އެހެންވެ ލޯނު އަނބުރާ ދެއްކުމުގައި ވެސް ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށް ދިނުމަކީ މި މިނިސްޓްރީގެ މަގުސަދެއް ކަމަށް ބުންޏެވެ. އަދި މިއީ ލޯނުގެ ފައިސާ އަނބުރާ ހޯދުމަކީ މިފަދަ އިތުރު ސްކީމްތައް ހުޅުވާލުމަށް ފަހިވާނެ ކަމެެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"އެގޮތުން، ކޮވިޑް-19 ރިކަވަރީ ސްކީމުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ޖުމުލަ 19 މަހަށް ގްރޭސް ޕީރިއަޑް އިތުރުކުރުމަށް އެދިވަޑައިގަންނަވާ ފަރާތްތަކާއި، ލޯނު ރީޝެޑިއުލްކުރަން އެދިލައްވާ ފަރާތަކުން މި އިއުލާން ޝާއިއުކުރެވޭތާ 60 ދުވަހުގެ ތެރޭގައި ބީއެމްއެލް އަށް އީމެއިލް ([email protected]) ކުރަންވާނެ އެވެ." ފިނޭންސުން ބުންޏެވެ.

"އަދި މުއްދަތު ހަމަވާ ތާރީހުގައި ބީއެމްއެލް އަށް ފާހަގަވެފައިވާ ނަން-ޕަރފޯމިންގ ލޯނުތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ އިހުތިޔާރު މިނިސްޓްރީއަށް އޮތް ކަމަށް ވެސް ބުންޏެވެ.