ޗައިނާގެ އާބާދީ މިހާރު އިތުރުވަމުން ނުދާތީ އެކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ދަރިން ނުލިބޭ މީހުން ދަރިމައިވުމަށް ބޭނުންވާ ފަރުވާ ހިލޭ ފޯރުކޮށް ދޭން ސަރުކާރުން ނިންމައިފި އެވެ.
މިކަން އިއުލާންކޮށް ޗައިނާގެ ނެޝަނަލް ހެލްތު ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (އެންއެޗްއެސްއޭ) ން ބުނީ އެ ފަރުވާ ހިލޭ ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދޭނީ ގައުމީ އިންޝުއަރެންސް ސްކީމްގެ ތެރެއިިން ކަމަށެވެ. އެގޮތުން މި ސްކީމްގެ ތެރެއިން ދަރިމައިވުމަށް އެސިސްޓެޑް ރިޕްރޮޑަކްޓިވް ޓެކްނޮލޮޖީ (އޭއާރްޓީ) ގެ ފުރުސަތު ވެސް ފަހިކޮށް ދޭނެ އެވެ.
މީގެ ކުރިން ވެސް ޗައިނާގެ ސަރުކާރުން ދަރިން ހޯދަން ހިތްވަރުދީ ބާރު އެޅުމުގެ ގޮތުން ތަފާތު އެކި ސްކީމްތައް ތައާރަފުކޮށްފައިވެ އެވެ.
ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ ގޮތުގައި ޗައިނާ މިހާރު އޮތަސް ފަހަކަށް އައިސް އެ ގައުމުގެ އުފަންވާ ރޭޓް ވަރަށް ބޮޑަށް ދަށްވެފައިވެ އެވެ. އެހެންވެ މިއީ ދުނިޔޭގެ ދެވަނަ އެންމެ ވަރުގަދަ އިގުސާދީ ބާރުގެ ކުރިމަގަށް ވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.
ޗައިނާގެ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކް (އެންބީސީ) އިން މިދިޔަ މަހު އާންމުކުރު ތަފާސްހިސާބުތައް ދަައްކާ ގޮތުން މިދިޔަ އަހަރު އެ ގައުމުގެ އާބާދީ ދަށްވެފައިވެ އެވެ. އެގޮތުން އަހަރު ނިމުނު އިރު އާބާދީ އަކީ 1.411 ބިލިއަނެވެ. އެއީ އޭގެ ކުރީ އަހަރާ އަޅާކިޔާ އިރު، 850،000 މީހުންގެ މަދުވުމެކެވެ.

މިދިޔަ އަހަރު ޗައިނާގެ އުފަންވާ ރޭޓް ވެސް ވަނީ ރެކޯޑް މިންވަރަަށް ދަށްވެފަ އެވެ. އެގޮތުން އުފަންވާ ނިސްބަތް އުޅުނީ ކޮންމެ ހާހަކުން 6.77 ގަ އެވެ. އޭގެ ކުރީ އަހަރު އެ ނިސްބަތް އުޅުނީ 7.52 ގަ އެވެ. މިދިޔަ އަހަރު އާބާދީގެ ނިސްބަތަށް އައި ވެއްޓުމާ އެކީ މިއީ 1961 ގެ ފަހުން އާބާދީ ދަށްވި ފުރަތަމަ ފަހަރެވެ.
މިދޔަ އަހަރު ޗައިނާގައި އުފަންވީ 9.56 މިލިއަން ކުދިންނެވެ. އޭގެ ކުރީ އަހަރު 10.62 މިލިއަން ކުދިން އުފަންވި އެވެ.