އައްޑޫގެ މަޝްރޫއުތައް ބަލަހައްޓަވައި މަސައްކަތް އަވަސްކުރުމުގެ ގޮތުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދުވަސްކޮޅަށް އައްޑު އަށް ބަދަލުވާން ނިންމަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އައްޑޫގެ މަގު ހެދުމުގެ މަޝްރޫއު ކުރިޔަށްދާ ގޮތާ މެދު ރައްޔިތުންގެ ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމަށެވެ. އެހެންވެ މަގު ހަދަން އެއްފަހަރާ ހުރިހާ މަގެއް ކޮނެފައި އޮތުމުން މީހުންނަށް ދިމާވާ ދަތިތަކާއި އެތައް މައްސަލަތަކެއް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެކަންކަން ހައްލު ކުރުމަށްޓަކައި އަޅުގަނޑު ދުވަސްކޮޅަކަށް އައްޑޫގައި ބޭސްވުމަށް އަޅުގަނޑު އައްޑޫ އަށް މޫވް ކުރާނަން." އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު އައްޑު އަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. ނަމަވެސް އައްޑޫގައި ހޭދަކުރައްވާނީ ކިހާ ދުވަހަކަށް ކަމަށް ވިދާޅެއް ނުވެ އެވެ.
ދޭތެރެ ދޭތެރެ އިން މިނިސްޓަރު އަސްލަމް އައްޑު އަށް ވަޑައިގެން މަޝްރޫއުތަކުގެ މަސައްކަތް ބައްލަވަމުން ގޮސްފައިވެ އެވެ. މި ވަގުތު ޕްލޭނިން މިނިސްޓްރީއާ ގުޅުން ހުރި ބޮޑު ދެ މަޝްރޫއެއް އައްޑޫގައި ކުރިއަށް އެބަދެ އެވެ. އެއީ މަގުތައް ހެދުމާއި ބިން ހިއްކުމެވެ.
މަސައްކަތްތައް ބައްލަވައި ދިމާވާ މައްސަލަތައް ހައްލުކޮށް އަވަސްކުރުމުގެ ގޮތުން އަސްލަމް ދުވަސްކޮޅަކަށް އައްޑު އަށް ބަދަލުވާ އިރު، މިހާރު ވެސް ޕްލޭނިން މިނިސްޓަރުގެ ތިން ވެރިއަކު އައްޑޫގައި ތިއްބަވަ އެވެ. އެއީ ސްޓޭޓް މިނިސްޓަރަކަށް ހުނެވި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގާއި ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފުގެ އިތުރުން އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އިބްރާހީމް ޝިޔާޒެވެ.