Last Updated: July 27, 13:32
Monday, July 27, 2026
މުނިފޫހިފިލުވުން

ޕްރަބާސް އާއި ކްރިތީގެ އެންގޭޖްމަންޓް ރާއްޖޭގައި؟

ރައްޓެހިވެގެން އުޅޭ ކަމަށް އަޑު އަރާފައިވާ އިންޑިއާގެ ދެ ތަރިން ކަމަށްވާ ޕްރަބާސް އާއި ކްރިތީ ސެނަން ރާއްޖޭގައި އެންގޭޖްމަންޓް ހަފުލާ ބާއްވަން ތައްޔާރީތައް ވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ވާހަކަ މިހާރު ބައެއް މީޑިއާތަކުގައި ހޫނުކޮށް ދެކެވެމުން ދިޔަ ނަމަވެސް ދެ ތަރިންގެ ޓީމްގެ ބައެއް މީހުން އެކަން ދޮގުކޮށްފައިވެ އެވެ. އަދި ޕްރަބާސް އާއި ކްރިތީ އަކީ ލޯބިވެރިން ވެސް ނޫން ކަމަށާއި އެ ދެ މީހުންނަކީ ގާތް ދެ ރައްޓެހިން ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ކްރިތީ އާއި "ބާހްބަލީ" ގެ އެކްޓަރު ރައްޓެހިވެގެން އުޅޭކަމުގެ އިޝާރާތެއް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެކްޓަރު ވަރުން ދަވަން ދީފައި އެވެ. އެ މަހުގެ 25 ގައި ރިލީޒްކުރި ވަރޫން އާއި ކްރިތީގެ ފިލްމު "ބޭޅިޔާ" ގެ ޕްރޮމޯޝަނަށް ކަލާޒްގެ ޑާންސް ޝޯ "ޖަލަކް ދިކްލާ ޖާ 10" ގެ ފިނާލޭ އެޕިސޯޑްގައި ބައިވެރިވެ، އޭގެ ޖަޖުންގެ ތެރޭގައި ހިމެނޭ ޑައިރެކްޓަރު ކަރަން ޖޯހަރް، ޖެއްސި މަސައްކަތެއްގެ ތެރޭގައި ވަރޫން ވަނީ ކްރިތީ ސިންގަލް ނޫން ކަމަށް ބުނެ އޭނަ ސިއްސުވާލައިފަ އެވެ.

އެ އެޕިސޯޑްގައި ވަރުން ގާތު ކަރަން ބުނީ ބޮލީވުޑްގެ ސިންގަލް ބަތަލާއިންތަކެއްގެ ލިސްޓެއް ކިޔާށެވެ. އެކަމަކު އެ ލިސްޓް ކިޔާލި އިރު ކްރިތީގެ ނަމެއް ނެތެވެ. އެހެންވެ ސުވާލަކަށްވީ ކްރިތީ ކޮބައި ހެއްޔޭ އެވެ؟ ޖަވާބުގައި ވަރުން ބުނީ ކްރިތީ ހުރީ ހުސްކޮށް ނޫން ކަމަށާއި އޭނަގެ ނަން އޮތީ މީހެއްގެ ހިތުގައި ލިޔެ ނިމިފައި ކަމަށެވެ. އަދި އެ މީހަކު މި ވަގުތު މުމްބާއީގައި ނެތް ކަމަށާއި އެ މީހަކު ބަތަލާ ދީޕިކާ ޕަދްކޯންއާ އެކީ ފިލްމެއް ވެސް ކުޅެމުން ކަމަށް ވަރޫން ބުނެފައިވެ އެވެ.

ވަރޫން އެ އިޝާރާތްކުރި ފިލްމަކީ "ޕްރޮޖެކްޓް ކޭ" ގެ ނަމުގައި ޕްރަބާސް އާއި ދީޕިކާ ކުޅެމުން އަންނަ ފިލްމެވެ.

ވަރޫންގެ މި ވާހަކަތަކާ ގުޅިގެން ފަހުން ކްރިތީ ސޯޝަލް މީޑިއާގައި އޭނަ އާއި ޕްރަބާސްގެ މެދުގައި ކޯ-އެކްޓަރުންގެ ގުޅުން ފިޔަވައި އިތުރު ވެސް ގުޅުމެއް ނެތް ކަމަށް ބުނެފައިވެ އެވެ. އެ ދެ ތަރިން އެކީގައި މި އަހަރު ފިލްމަކުން ފެންނާނެ އެވެ. އެއީ ޖޫން 16 އަށް ތާވަލުކޮށްފައި އޮތް "އާދިޕުރުޝް" އިންނެވެ.

ކްރިތީ، 32، އާއި ޕްރަބާސް، 43، ގެ އެންގޭޖްމަންޓް ރާއްޖޭގައި ބާއްވަން އުޅޭކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނަ އިރު، އަރަމުން އަންނަ ބަތަލާ ދެ ފަހަރެއްގެ މަތިން ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކޮށްފައިވެ އެވެ.