ތިލަފުށިން ވިއްކާ ބިމުގެ 90 ޕަސަންޓު ދޭނީ ދިވެހިންނަށް ކަމަށް އެޗްޑީސީން ބުނެފި އެވެ.
ތިލަފުށިން 50 ބިމެއް ބީލަމުގެ އުސޫލުން ވިއްކުމަށް އެޗްޑީސީން އާއްމުކޮށް ހުޅުވާލީ މިމަހުގެ 7 ވަނަ ދުވަހު އެވެ.
އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ތިލަފުށީގެ ބިމުގެ ދަތިކަން ހައްލު ކުރުމަށް 150 ހެކްޓަރުގެ ބިން ތިލަފުށިން ހިއްކަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އަލަށް ހިއްކާ ބިމުގެ 90 ޕަސަންޓު ދިވެހި ވިޔަފާރިތަކަށް ހާއްސަ ކުރުމަށް ނިންމަފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެފަރާތްތަކަށް ބިން ދިނުމަށް ކަނޑައަޅާފައިވަނީ ކުލި ކޮންޓްރޯލް ކުރެވޭނެ އުޞޫލުތަކުގެ ތެރެއިން ކަމަށް ވެސް އެޗްޑީސީއިން ބުނެ އެވެ. އަދި ތިލަފުއްޓަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއް ނޫން ކަމަށާއި، ބޭރުގެ ވިޔަފާރިތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ނިސްބަތުން މަދު ބިންތަކަކަށްކަން އެ ކޯޕަރޭޝަނުން ފާހަގަކުރެ އެވެ.
އެޗްޑީސީން ބުނީ ބޭރުގެ ވިޔަފާރިތައް ވެސް އަމަލުކުރަންޖެހޭނީ ރާއްޖޭގައި މިހާރު ހެދިފައިވާ ޤާނޫނުތަކާއި ކަމާބެހޭ އިދާރާތަކުން ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން ކަމަށެވެ.
އެގޮތުން ދިވެހި ވިޔަފާރިތަކަށް ޚާއްސަ ކުރެވިފައިވާ މަސްވެރިކަން، ދަނޑުވެރިކަން ފަދަ ވިޔަފާރިތަކަށް މި ވިޔަފާރިތަކުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެކަމުގެ ޔަޤީންކަން އެޗްޑީސީން ދީފައިވެ އެވެ. މިއީ ދިވެހިންނަށް ވަޒީފާގެ ގިނަގުނަ ފުރުޞަތުތައް ލިބިގެންދާނެ މަޝްރޫޢެއް ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.
ތިލަފުށިން ބިން ވިއްކުމުގެ މަގުސަދަކީ ސިނާއީ މަސައްކަތްތަކަށް ހުރި ދަތިތަކަށް ބޮޑު ލުއެއް ހޯދައިދިނުމާއި، ދިވެހި ވިޔަފާރިތަކަށް ހުރި ފުރުސަތުތައް އިތުރުކުރުން ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ.