Last Updated: July 22, 14:09
Wednesday, July 22, 2026
ދުނިޔެ

ބިންހެލުމުގައި މަރުވި އަދަދު 11،000 އިން މައްޗަށް

ތުރުކީ އަދި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް އައި ބިންހެލުމުގައި މިހާތަނަށް 11،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާގޮތުން 7.8 ގެ ބާރުމިނުގައި އައި މި ބިންހެލުމުގައި ތުރުކީން މަރުވި މީހުންގެ އަދަދު ވަނީ 8،574 އަށް އަރާފަ އެވެ. އަދި ސީރިޔާ އިން ވަނީ 2،530 މީހަކު މަރުވެފަ އެވެ. އެއާއެކު ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ 11،104 އަށް އަރާފަ އެވެ.

ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ އަދަދު މިއަށް ވުރެ ވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ބިންހެލުމާ ގުޅިގެން ގިނަ އިމާރާތްތަކެއް ބިމާ ހަމަވެފައިވާއިރު، އިމާރާތްތަކުގެ ދަށުގައި ތާށިވެފައި މީހުން ސަލާމަތް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. ނަމަވެސް މޫސުން މިވަގުތު ހުރި ގޮތުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް އަންނަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންނެވެ.

ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ތުރުކީގެ ސަރަހައްދުތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އެގައުމުގެ ރައީސް ތައްޔިބް އުރުދުގާން ވަނީ ކަނޑައަޅުއްވާފަ އެވެ. އަދި ތުރުކީގައި ގައުމީ ހިތާމައިގެ ހަފްތާއެއް ވެސް މިހާރު ވަނީ ކަނޑައަޅާފަ އެވެ.

އެމެރިކާގެ ޖިއޮލޮޖިލަކް ސާވޭއިން ބުނީ މި ބިން ހެލުމަކީ 1939 ވަނަ އަހަރު ތުރުކީ އަށް އައި ބާރުގަދަ ބިންހެލުމެއްގައި 30،000 މީހުން މަރުވި ފަހުން އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ.