Last Updated: July 16, 15:35
Thursday, July 16, 2026
ކުޅިވަރު

ރެއާލް މެޑްރިޑް ކްލަބް ވޯލްޑް ކަޕުގެ ފައިނަލަށް

މިސްރުގެ އަލް އަހްލީ 4-1 އިން އިން ބަލިކޮށް ފީފާ ކްލަބް ވޯލްޑް ކަޕުގެ ފައިނަލުން ޔޫރަޕުގެ ޗެމްޕިއަން ސްޕެއިނުގެ ރެއާލް މެޑްރިޑް ޖާގަ ހޯދައިފި އެވެ.

އާދީއްތަ ދުވަހު ކުޅޭ ފައިނަލް މެޗުގައި ރެއާލް މެޑްރިޑް ބައްދަލުކުރާނީ ސައުދީ އަރަބިއްޔާގެ އަލް ހިލާލްއާ އެވެ.

ދުނިޔޭގެ ބައްރުތަކުގެ ކްލަބް ޗެމްޕިއަނުންގެ މެދުގައި ކުޅޭ މި މުބާރާތުގެ ސެމީ ފައިނަލުގެ ދެ ވަނަ މެޗު ރެއާލުން ރޭ ކާމިޔާބުކުރި އިރު މެޗުގެ 42 ވަނަ މިނެޓްގައި އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ވިނީޝަސް ޖޫނިއާ އެވެ. އަދި ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ފެޑޭ ވަލްވާޑޭ ވަނީ ރެއާލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

މެޗުގެ 65 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން އަލީ މާލޫލް އަލް އަހްލީ އަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދިން ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ރެއާލުން ވަނީ ދެ ގޯލު ކާމިޔާބުކޮށްފަ އެވެ. މި ދެ ގޯލު ރެއާލަށް ކާމިޔާބުކޮށްދިނީ ރޮޑްރިގޯ އާއި ސާޖިއޯ އަރިބާސް އެވެ.

ރެއާލް އަކީ ފީފާ ކްލަބް ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ކްލަބެވެ. އެ ކްލަބުން ވަނީ މި މުބާރާތް ހަތަރު ފަހަރެއްގެ މަތިން ކާމިޔާބުކޮށްފަ އެވެ. މި މުބާރާތް އެންމެފަހުން ރެއާލުން ކާމިޔާބު ކުރީ 2018 ވަނަ އަހަރު އެވެ.