Last Updated: July 16, 15:35
Thursday, July 16, 2026
ކުޅިވަރު

ސަންޗޯ ޔުނައިޓެޑް ސަލާމަތްކޮށްދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޖޭޑަން ސަންޗޯ ޖެހި ގޯލުން ލީޑްސް ޔުނައިޓެޑާ 2-2 އިން އެއްވަރުކޮށް މެންޗެސްޓާ ޔުނައިޓެޑް ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

ރޭގެ މެޗު އެއްވަރުވުމުން ޔުނައިޓެޑް އޮތީ 43 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ. ލީޑްސް އޮތީ 19 ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގަ އެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މެޗަށް އެޓީމުން ނިކުތީ ތަޖުރިބާކާރު މިޑްފީލްޑަރު ކަސެމީރޯއާ ނުލަ އެވެ. ލީގުގައި ކްރިސްޓަލް ޕެލެސް އަތުން 2-1 އިން ޔުނައިޓެޑް މޮޅުވި މެޗުގައި ދެއްކި ރަތްކާޑުގެ ސަބަބުން ކަސެމީރޯ ވަނީ ތިން މެޗަށް ސަސްޕެންޑް ވެފަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ މިނެޓްގައި ވިލްފްރެއިޑް ނޮންޓޯ ވަނީ ލީޑްސް އަށް ލީޑު ނަގާދީފަ އެވެ. ނޮންޓޯ މި ގޯލު ކާމިޔާބު ކުރީ ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ. ނަތީޖާ އެއްވަރުކޮށްލަން ޔުނައިޓެޑްގެ ގަނާޗޯ އަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ.

ލީޑްސް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނު އިރު ދެވަނަ ހާފްގެ ކުރީކޮޅު އެޓީމުން ވަނީ ލީޑު ފުޅާކޮށްފަ އެވެ. ލީޑްސްގެ ދެވަނަ ގޯލަކީ ޔުނައިޓެޑްގެ ޑިފެންޑަރު ރަފޭލް ވަރާން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ޔުނައިޓެޑްގެ ފުރަތަމަ ގޯލު މެޗުގެ 62 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑް އެވެ. ރަޝްފޯޑް މި ގޯލު ކާމިޔާބު ކުރީ ލީޑްސްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ.

އޭގެ 8 މިނެޓް ފަހުން ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި ސަންޗޯ އެވެ. މި ގޯލު ސަންޗޯ ކާމިޔާބު ކުރީ ލީޑްސްގެ ޕެނަލްޓީއެރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. މި ގޯލަށް ފަހު ލީޑު ނަގަން ޔުނައިޓެޑުން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް ތިންވަނަ ފަހަރަށް ލީޑްސްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް ވަނީ ނުވެފަ އެވެ.

ލީގުގައި އަންނަ އާދީއްތަ ދުވަހު ވެސް ޔުނައިޓެޑް ނިކުންނާނީ ލީޑްސްއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ލީޑްސްގެ ދަނޑުގަ އެވެ.