މަރުވެފައިވާ އިންޑިއާގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ބައޮގްރަފީއެއް ނެރެން ނިންމައިފި އެވެ.
ވެސްޓްލޭންޑް ބުކްސްގެ ތައްގަނޑުގައި ނެރެން ހަމަޖެހިފައިވާ މި ފޮތަށް ދީފައިވާ ނަމަކީ "ސްރީދޭވީ: ދަ ލައިފް އޮފް އަ ލެޖެންޑް" އެވެ. މި ފޮތް ލިޔެފައި ވަނީ ސްރީދޭވީ އާއި އޭނަގެ އާއިލާއާ ގާތް ގުޅުމެއް އޮތް ލިޔުންތެރިޔާ ދީރަޖް ކުމާރެވެ. އަދި މިއީ އޭނަގެ އަލަތު ފޮތް ވެސް މެ އެވެ.
"ސްރީދޭވީ: ދަ ލައިފް އޮފް އަ ލެޖެންޑް" ގައި ސްރީދޭވީގެ ކެރިއަރާއި އަމިއްލަ ދިރިއުޅުމާ ބެހޭ އެތައް ވާހަކައެއް ގެނެސްދޭނެ އެވެ. މި ފޮތަށް މިހާރު ވެސް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އިރު، ފޮތް ނެރޭނެ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ސްރީދޭވީގެ ބައޮގްރަފީއާ ބެހޭ ގޮތުން ވެސްޓްލޭންޑް ބުކްސްގެ އެކްޒެކެޓިވް ޑިރެކްޓަރު ސަންގަމިތުރާ ބިސްވާސް ވިދާޅުވީ "ސްރީދޭވީ: ދަ ލައިފް އޮފް އަ ލެޖެންޑް" ގައި ހުނަރުވެރި އަދި އެހާމެ ކާމިޔާބު ބަތަލާއާ ބެހޭ ޝައުގުވެރި އެތައް ވާހަކައެއް ލިޔުންތެރިޔާ ތިލަކޮށްދޭނެ ކަމަށެވެ.
ސްރީދޭވީގެ ފިރިމީހާ ޕްރޮޑިއުސަރު ބޯނީ ކަޕޫރް ބުނީ ސްރީދޭވީގެ ބައޮގްރަފީ ލިޔަން ދީރަޖަށް ހުއްދަ ދިނީ އޭނަ އަކީ އެ އާއިލާގެ ވަރަށް ގާތް މީހަކަށްވުމުން ކަމަށެވެ. އަދި ދީރަޖަކީ އަބަދު ވެސް ރިސާޗްކޮށްގެން ލިޔާ ލިޔުންތެރިއަކަށްވާތީ އޭނަ އަށް އޮތް އިތުބާރު ވަރަށް ބޮޑު ކަމަށް ބުންޏެވެ.
ދީރަޖް ވަނީ ސްރީދޭވީގެ ބައޮގްރަފީ ލިޔަން އާއިލާ އިން ހުއްދަ ދީފައިވާތީ އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ސްރީދޭވީ މަރުވީ 2018 ގަ އެވެ. އޭނަގެ މަރަށް މި މަހުގެ 24 ގައި ފަސް އަހަރު ފުރޭނެ އެވެ. ސްރީދޭވީ އަކީ ބޮލީވުޑްގައި މިހާރު ފިޔަޖަހަމުން އަންނަ ބަތަލާ ޖާންވީ ކަޕޫރާއި މި އަހަރު ބޮލީވުޑަށް ތައާރަފުކުރާ ހުޝީ ކަޕޫރްގެ މަންމަ އެވެ.
ކެރިއަރުގައި 300 އާ ގާތް ކުރާ އަދަދަކަށް ފިލްމު ކުޅެފައިވ ސްރީދޭވީ އެކްޓިން އަށް ނުކުތީ ވަރަށް ތުއްތު އިރު އެވެ. ހިންދީ ބަހުގެ އިތުރުން އިންޑިއާގެ ވަރަށް ގިނަ ބަހުރުވަތަކުގެ ފިލްމުތަކުގައި އޭނަ މަސައްކަތްކޮށްފައިވެ އެވެ. ސްރީދޭވީގެ އެންމެ ފަހުގެ ފިލްމަކީ 2017 ގެ "މޮމް" އެވެ. އޭނަގެ ކެރިއަރުގައި އައިކޮނިކް އެތައް ފިލްމެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "މިސްޓަ އިންޑިއާ"، "ސަދުމާ"، "ޗާންދުނީ"، "ލަމްހޭ"، "ނަގީނާ"، "ހިންމަތުވާލާ"، "ޗަލްބާޒް" އަދި "އިންގްލިޝް ވިންގްލިޝް" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
ސްރީދޭވީ ފާހަގަކޮށްލެވެނީ އިންޑިއާ އަންހެން ސުޕަސްޓާރެއްގެ ގޮތުގަ އެވެ.