އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަން ބާއްވާ ބައްދަލުވުންތަކުގެ ތާރީހުތަކަށް ބަދަލު ގެނެސްފި އެވެ.
ކުރިން މާދަމާ ރޭ ބާއްވަން އޮތް ހުޅުދޫ ރައްޔިތުންގެ ބައްދަލުވުން މިހާރު ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރެއަށް ފަސްކޮށްފަ އެވެ. ތާރީހުތަކަށް ގެނައި ބަދަލުތަކަށް ބަލާ އިރު ކުރިން 12 ވަނަ ދުވަހުގެ ރޭ ފޭދޫ ރައްޔިތުންނާ ބައްދަލުކުރާ ގޮތަށް އޮތް ނަމަވެސް އެ ތާރީހު މިހާރު ވަނީ މި މަހުގެ 19 އަށް ފަސްކޮށްފަ އެވެ.
ކުރިން ވެސް އޮތް ގޮތަށް މީދޫ ރައްޔިތުންނާ ބައްދަލުކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ރެ އެވެ. އަދި މަރަދު އާއި މަރަދޫފޭދޫ ރައްޔިތުންނާ ބައްދަލުކުރަން ކުރިން ހަމަޖެއްސި ތާރީހު ކަމަށްވާ މި މަހުގެ 13 ގެ ބައްދަލުވުން މިހާރު ތާވަލުކޮށްފައި އޮތީ މި މަހުގެ 20 ވަނަ ދުވަހުގެ ރެއަށެވެ.

މީގެ އިތުރުން ކުރިން 15 ގައި ބާއްވަން އޮތް ހިތަދޫ ރައްޔިތުންގެ ބައްދަލުވުން މިހާރު ބާއްވަން ނިންމާފައި އޮތީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭގަ އެވެ.
ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަން ބާއްވާ ބައްދަލުވުންތަކަކީ ލާމަރުކަޒީ ގާނޫނުން ލާޒިމުކުރާ ބައްދަލުވުންތަކެވެ. މި ބައްދަލުވުމުގައި ކައުންސިލްގެ ބަޖެޓަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުން ފަދަ ކަންކަން ކުރަން ޖެހެ އެވެ.