އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގަތް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަ އެދުމުން އެއްކިބާވާން ޖެހޭ ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގެ ދެވަނަ ދައުރަކަށް ގެންނަވަން ތާއީދުކުރައްވާ މެންބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދަށް ވެސް ރަނގަޅު ވާނީ ދެން ވެސް އެމްޑީޕީގެ ވެރިކަމެއް އޮތިއްޔާ ކަމަށެވެ. އަދި އަނިޔާވެރި ކަމަށް އެނބުރި ދިއުމަކީ ހައްލެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"[ނަޝީދު] އަމިއްލަ އެދުން އެއްކިބާ ކުރުމަށް ފަހު ދީނާއި ގައުމާއި ރައްޔިތުންގެ ހައްގުގައި މި އޯގާތެރި، މަޑުމައިތިރި، ތަރައްގީ ސަރުކާރު ދަމަހައްޓަން ޖެހޭ،" ނިހާދު ވިދާޅުވި އެވެ. "އެމްޑީޕީ އާއި ނަޝީދަށް ވެސް އެންމެ ރަނގަޅުވާނީ [ދެން ވެސް] އެމްޑީޕީގެ ވެރިކަމެއް އޮތުމުން."
Aniyaaveri kamah emburi dhiyumakee halleh noon! Amilla edhun Ekkibaa kurumah fahu, Dheenaai Gaumaai Rayyithun ge haggugai mi Oagaatheri, Madu maithiri, tharaggee ge Sarukaaru dhamahattan jehey! MDP ah adhi RN ah ves Enme ragalhu vaanee MDP ge verikameh othun! pic.twitter.com/5Azb7P8iyV
— Feydhoo Meehaa (Mohamed Nihad) (@nihad_m) February 8, 2023
ރައީސް ސޯލިހާ ވާދަކުރައްވައި ނަޝީދު ޕްރައިމަރީމް ބަލިވެވަޑައިގަތުމުން މިހާރު ގެންދަވަނީ "ފިކުރެއްގެ ދިރުން" ގެ ނަމުގައި ޕާޓީގެ ތެރޭގައި ވަކި ސިޔާސީ ހަރަކާތެއް ހިންގަވަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ނަޝީދަށް ސަޕޯޓްކުރާ ޕާޓީގެ މެމްބަރުން ލައްވައި މިހާރު ގެންދަނީ ގޮފިތަކެއް ހަދަން ސޮއި ކުރުވަމުންނެވެ.
މިކަމާ ގުޅިގެން ނަޝީދަށް އެމްޑީޕީގެ ތެރެއިން ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އަދި ނަޝީދު އުޅުއްވަނީ އެމްޑީޕީ ހަލާކުކުރަން ކަމަށް ރައީސަށް ތާއީދުކުރާ މެންބަރުން އަންނަނީ ބުނަމުންނެވެ.