Last Updated: July 27, 12:02
Monday, July 27, 2026
މުނިފޫހިފިލުވުން

ފަވާދުގެ އާ ސީރީޒަކީ "ބަރުޒަހު"

ޕާކިސްތާންގެ މަޝްހޫރު އެކްޓަރު ފަވާދު ޚާންގެ ކުރިއަށް އޮތް ސީރީޒް "ބަރުޒަހު" ބޭރުގެ ފެސްޓިވަލެއްގައި ޕްރީމިއާކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެ ސީރީޒް ގެނެސްދޭން ހަމަޖެހިފައިވާ ޒީ ޒިންދަގީން ބުނީ ސީރީޒް ޕްރީމިއާކުރަން ފުރުސަތު ލިބުނީ ފްރާންސްގައި އަންނަ މަހު ބާއްވަ ސީރީސް މާނިއާ ފެސްޓިވަލުން ކަމަށެވެ.

ސުޕަނެޗްރަލް ރަހަތަކާ އެކީ އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭނެ "ބަރުޒަހު" އަކީ އާސިމް އައްބާސީ ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. ފަވާދާ އެކީ މީގެ ބަތަލާގެ ރޯލުން ފެންނާނީ އޭނައާ އެކީ ވަރަށް ކާމިޔާބު ސިލްސިލާއެއް ކަމަށްވާ "ޒިންދަގީ ގުލްޒާރު ހޭ" ކުޅުނު ސަނަމް ސައީދެވެ. އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި އެ ސިލްސިލާ އަކީ ހަމް ޓީވީން ނޮވެމްބަރު 30، 2012 އިން މެއި 24، 2013 އަށް ގެނެސްދިން އެއްޗެކެވެ.

ފަވާދުގެ އާ ސީރީޒެއް ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، 41 އަހަރުގެ އެކްޓަރުގެ އެންމެ ފަހުގެ މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކޮށް ބޮޑު ތަރުހީބެއް ލިބުނު "ދަ ލެޖެންޓް އޮފް މައުލާ ޖަޓް" އެވެ. ފަވާދުގެ ތިން ފިލްމެއް ވެސް ކުރިއަށް އެބައޮތެވެ. އެއީ "ނިލޯފަރް" އާއި މަނީ ބެކް ގެރެންޓީ (އެމްބީޖީ) ގެ އިތުރުން "އާން" އެވެ.

ފަވާދަކީ ބޮލީވުޑްގެ ފިލްމުތަކެއް ވެސް ކުޅުނު ތަރިއެކެވެ. އެއީ "އޭ ދިލް ހެ މުޝްކިލް" އާއި "ކަޕޫރް އެންޑް ސަންސް" ގެ އިތުރުން "ހޫބްސޫރަތު" އެވެ.