އަންނަ ހޮނިހިރު ދުވަހު ކުޅޭ މި އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕް ފައިނަލް މެޗް ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ސައޫދީ އަރަބިއްޔާގެ އަލް ހިލާލު ހޯދައިފި ނަމަ ބޯނަހެއްގެ ގޮތުގައި އެ ޓީމްގެ ކޮންމެ ކުޅުންތެރިއަކަށް އެއް މިލިއަން ރިޔާލު ދޭން ސައުދީގެ މަހުޖަނަކު ނިންމަވައިފި އެވެ.
މުބާރާތުގެ ތަށި ހިލާލު އުފުލާލައިފި ނަމަ ކޮންމެ ކުޅުންތެރިއަކަށް އެއް މިލިއަން ރިޔާލު ނުވަތަ 266،500 ޑޮލަރު ދޭން ނިންމެވީ ބިލިއަނަރު ޕްރިންސް އަލް ވަލީދު ބިން ތަލާލް އެވެ. އޭނަ މިކަން އިއުލާންކުރެއްވީ މިދިޔަ އަހަރު އަންގާރަ ދުވަހު ކުޅުނު މެޗްގައި ދެކުނު އެމެރިކާ އަށް ނިސްބަތްވާ ބްރެޒިލްގެ ފްލެމެންގޯއާ ދެކޮޅަށް ކުޅެ އެ ޓީމް 3-2 އިން ބަލިކޮށް ހިލާލު ފައިނަލުން ޖާގަ ކަށަވަރުކުރުމާ ގުޅިގެންނެވެ.
އެހެންވެ މުބާރާތުގެ ޗެމްޕިއަންކަން ހިލާލު ހޯދަން ހިތްވަރު ދިނުމުގެ ގޮތުން ޓީމްގެ ކޮންމެ ކުޅުންތެރިއަކަށް ބޯނަހެއްގެ ގޮތުގައި އެއް މިލިއަން ރިޔާލު ދޭން ނިންމި އިރު، ޕްރިންސް ވަލީދު، 67، ގެ މިލްކިއްޔާތު 16.0 ބިލިއަން ޑޮލަރަށް އަރަ އެވެ. އޭނަ އަކީ ކިންގްޑަމް ހޯލްޑިން ކޯގެ ޗެއާމަނެވެ.
ކުޅުންތެރިންނަށް ވަލީދު ބޮޑު އިނާމެއް ދެއްވަން ނިންމި އިރު، ފްލެމެންގޯ އަތުން މޮޅުވުމާ ގުޅިގެން ހިލާލުގެ ކޮންމެ ކުޅުންތެރިއަކަށް ސައުދީގެ ސްޕޯޓް މިނިސްޓްރީން 500،000 ރިޔާލު ދޭން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
މި އަހަރުގެ ފީފާ ކުލަބް ވޯލްޑް ކަޕްގެ ފައިނަލް މެޗްގައި ހޮނިހިރު ދުވަހު އަލް ހިލާލު ނުކުންނާނީ ސްޕެއިންގެ މަޝްހޫރު ޓީމް، ރިއާލް މެޑްޑިރާ ދެކޮޅަށެވެ. އެ ޓީމް މުބާރާތުގެ ފައިނަލަށް ދިޔައީ ރޭ މިސްރުގެ އަލް އަހްލީ 4-1 އިން ބަލިކުރުމަށް ފަހު އެވެ.
ދުނިޔޭގެ ބައްރުތަކުގެ ކްލަބް ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފީފާ ކުލަބް ވޯލްޑް ކަޕް ފެށީ މި މަހުގެ 1 އެވެ. ހަތް ޓީމް ވާދަކުރާ މުބާރާތް ހޯސްޓްކުރަނީ މޮރޮކޯއިންނެވެ.