ތުރުކީ އާއި ސީރީއާ އަށް މިދިޔަ ހޯމަ ދުވަހު އައި ވަރުގަދަ ބިންހެލުންތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު 15،000 އަށް އަރައިފި އެވެ.
ތުރުކީން އެކަނި ވެސް 12،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ދެ ގައުމުން އަދިވެސް އިތުރުވުމުގެ ފުރުސަތު ބޮޑެވެ.
ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމާއި މަރުވެފައިވާ މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށްދާ އިރު، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން އިއްޔެ ވަނީ ބިންހެލުން އައި ސަރަހައްދުކަށް ވަޑައިގެން ހާލަތު ވެސް ބައްލަވާލައްވައިފަ އެވެ. މި ހާދިސާ ކުރިމަތިވީ ފިނި މޫސުމާ ވެސް ދިމާކޮށް ކަމަށްވާތީ ސްނޯ އާއި ވިއްސާރައިގެ ގަދަފިނީގެ ދަތިކަން ވެސް ކުރިމަތިވެފައިވެ އެވެ.
President Erdoğan in quake-hit Adanahttps://t.co/3KCvhyV1w3 pic.twitter.com/NrLBCZ9pqZ
— Presidency of the Republic of Türkiye (@trpresidency) February 9, 2023
ވަރަށް ގިނަ ބަޔަކު އަންނަނީ ބިންހެލުމާ ގުޅިގެން ސަރުކާރުން ރެސްކިއު އޮޕަރޭޝަން ވެސް އެންމެ އެކަށޭ ގޮތަށް ކުރިއަށް ނުގެންދާ ކަމަށާއި އެ މަސައްކަތް ވަރަށް ލަސްކަމަށް ވެސް ބުނެ ފާޑުކިޔަމުންނެވެ. މިފަދަ ބައެއް ވާހަކަތަކާ ގުޅިގެން އުރުދުގާން ވިދާޅުވީ ބިންހެލުމަަށް ތައްޔާރުވެފައި ނެތުމުން، މިފަދަ ބޮޑި ހާދިސާއަކާ ކުރިމަތިވުމުން ދިމާވާނެ އެތައް ދައްޗަކާއި ގޮންޖެހުންތަކެއް ހުންނާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ ވީހާ ވެސް ރަނގަޅަކަށް މިކަމާ ގުޅުން ހުރި ކަންކަން ކުރިއަށް ގެންދަން ކަމަށް ވިދާޅުވި އެވެ.
President Erdoğan in quake-hit Kahramanmaraş https://t.co/NfKRIBpTEc pic.twitter.com/1jIabeSMFD
— Presidency of the Republic of Türkiye (@trpresidency) February 8, 2023
އެގޮތުން މިހާރު ރެސްކިއު އޮޕަރޭޝަންތަކާއި ހަލާކުވެފައިވާ އިމާރާތްތަކާއި ތަންތަން ސާފުކުރަން ކުރާ މަސައްކަތްތައް ދާ ގޮތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އަދި މި މަސައްކަަތަށް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ވެސް މިހާރު އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
ތުރުކީ އާއި ސީރިއާ އަށް ހޯމަ ދުވަހުގެ ފަތިހު ބިންހެލުން އައީ ރިކްޓަ މިންގަނޑުން 7.8 ބާރުމިނުގަ އެވެ. މިއީ 1939 ގެ ފަހުން ތުރުކީ އަށް ކުރިމަތިލާން ޖެހުނު އެންމެ ނުރައްކާތެރި، އެންމެ ގެއްލުން ބޮޑު ބިންހެލުމެވެ. އެ ބިންހެލުމުގައި 30،000 މަރުވެފައިވެ އެވެ.