Last Updated: July 27, 12:02
Monday, July 27, 2026
މުނިފޫހިފިލުވުން

ޝަރުމީލާގެ އާ ފިލްމު އަންނަ މަހު

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރް ފިލްމެއްގެ މަސައްކަތް ނުކުރާތާ ގިނަ ދުވަސްތަކެއް ފަހުން ކުޅުނު ފުރަތަމަ ފިލްމު "ގުލްމޯހަރް" އަންނަ މަހު ބެލުންތެރިންނަށް ދޫކޮށްލަން ނިންމައިފި އެވެ.

އަންނަ މަހުގެ 3 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ މި ފެމިލީ ޑްރާމާގެ ޕޯސްޓަރެއް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. ރާހުލް ވީ ޗިޓެލީ ޑައިރެކްޓްކުރި ފިލްމުގެ ކާސްޓްގައި މަނޯޖް ބަޖްޕާއީ އާއި ސިމްރަން އަދި "ލައިފް އޮފް ޕައި" ގެ އެކްޓަރު ސޫރަޖް ޝަރުމާ ވެސް ހިމެނެ އެވެ.

ހިންދީ ސިނަމާގައި 1960 އާއި 1970 ގެ އަހަރުތަކުގެ ތެރޭގައި އެންމެ ވިދި ބަތަލާއިންގެ ތެރޭގައި ހިމެނޭ ޝަރުމީލާ، 78، އެންމެ ފަހުން ފެނިފައި ވަނީ 2010 ގައި ރިލީޒްކުރި ދީޕިކާ ޕަދްކޯނާއި އިމްރާން ޚާންގެ "ބްރޭކް ކޭ ބާދު" އިންނެވެ. ހުނަރުވެރި ބަތަލާގެ ކެރިއަރުގައި ކާމިޔާބު އެތައް ފިލްމެއް ކުޅުނެވެ. އޭގެ ތެރޭގައި "ކަޝްމީރު ކީ ކާލީ"، "ވަގުތު"، "އަނޫޕަމާ"، "އޭން އިވްނިން އިން ޕެރިސް"، "އަރާދަނާ"، "އަމަރު ޕްރޭމް"، "ދާގް" އަދި "ޗުޕްކޭ ޗުޕްކޭ" ހިމެނެ އެވެ.

ޝަރުމީލާ އަކީ ފިލްމީ ތަރިން ކަމަށްވާ ސައިފް އަލީ ޚާނާއި ސޯހާ އަލީ ޚާންގެ މަންމަ އެވެ. އަދި މިހާރު ބޮލީވުޑްގައި ފިޔަޖަހާ ޒުވާން ބަތަލާ ސާރީ އަލީ ޚާންގެ މާމަ އެވެ.