Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

އެމްޓީޑީސީގެ ނާގޯށި އަންނަ އަހަރު ހުޅުވަނީ

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހދ. ނާގޯށީގައި ތަރައްގީކުރާ ރިސޯޓް އަންނަ އަހަރު ހުޅުވާނެ ކަމަށް ބުނެފި އެވެ.

އައްޑޫގައި ހެރަތެރައިގެ ނަމުން ކުރިން ހިންގި ރިސޯޓް ވެސް ތަރައްގީކުރި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލު އަބްދުލްސަމަދު ވިދާޅުވީ 230 އެނދުގެ އެ ރިސޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރަނީ ދުބާއީގެ ރޯ ގަލަދާރީ ކުންފުނިން ކަމަށެވެ.

އެ ކުންފުންޏާއި އެމްޓީޑީސީގެ ޖޮއިންޓް ވެންޗާއެއްގެ ތެރެއިން ނާގޯށި ތަރައްގީކުރާ އިރު، ރޯ ގަލަދާރީގެ ހިއްސާ އަކީ 85 ޕަސެންޓެވެ. އެމްޓީޑީސީގެ ހިއްސާ އަކީ 15 ޕަސެންޓެވެ. އެކަމަކު މި އެއްބަސްވުން ހެދީ ރިސޯޓު ހިންގުމުގެ ފައިދާގެ ފިކްސްޑް އަދަދެއް ކޮންމެ މަހަކު ވެސް އެމްޓީޑީސީ އަށް ލިބޭ ގޮތަށެވެ.

ތަޒްމީލް ވިދާޅުވީ ދެ ފިޔަވައްސަކަށް ބަހާލައިގެން ނާގޯށި ތަރައްގީކުރާ އިރު، އެތަނުގެ އެ ރިސޯޓުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

"މި ކުންފުނިން އިންވެސްޓުކޮށްގެން ދުއިސައްތަ ތިރީސް އެނދުގެ ރިސޯޓެއް ތަރައްގީ ކުރުމަށް ބޭނުންވާ އެންމެހާ މަސައްކަތްތައް ހަލުއި ސްޕީޑުގައި ކުރިއަށްދާ ވާހަކަ ދަންނަވާލަން،" އެމްޑީޓީސީ އަށް 15 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ހަފުލާގައި އޭނާ ވިދާޅުވި އެވެ. " މި ރިސޯޓު ތަރައްގީ ކުރެވިގެން ދާނީ ޒަމާނީ ފެންވަރުގައި އެންމެ ފަހުގެ ވަސީލަތްތަކާ އެކު، ހުރިހާ ގިންތިއަކަށް ހާއްސަކުރެވިގެން." އޭނާ ވިދާޅުވި އެވެ.

ނާގޯއްޓަކީ 73 ހެކްޓަރުގެ ބޮޑު ރަށެކެވެ.