ސަލްމާން ޚާން ކުޅޭނެ ކަމަށް ބުނެ ކުރިން އަޑުއަރާފައި އޮތް "ބްލެކް ޓައިގާ" ހަދަން ޑައިރެކްޓަރު އަނޫރާގް ބާސޫ ނިންމައިފި އެވެ.
މި ފިލްމު އޭނަ ޑައިރެކްޓްކުރަން ނިންމާފައިވާ އިރު، ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާނެ އެވެ. "ބްލެކް ޓައިގާ" ގެ ޕްރޮޑިއުސަރުންގެ ގޮތުގައި އާރް ވިވެކް އާއި އަސްވިން ސްރީވަތުސަންގްނަމްގެ އިތުރުން ދިވޭ ދަމީޖާ ވެސް ބައިވެރިވެ އެވެ.
މި ފިލްމު ހަދަން އަނޫރާގް ނިންމި އިރު، އޭނަގެ އަތުގައި މިހާރު ވެސް ދެ ޕްރޮޖެކްޓެއް އެބައޮތެވެ. އެއީ މި އަހަރުގެ ޑިސެމްބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ އެންތޮލޮޖީ ފިލްމު "މެޓްރޯ: އިންދި ނޯ" އާއި އެއަށް ފަހު ހަދަން ނިންމާފައިވާ "އާޝިގީ 3" އެވެ.
"ބްލެކް ޓައިގާ" ވާނީ އަނޫރާގް ޑައިރެކްޓްކުރާ ފުރަތަމަ ބައޮގްރަފިކަލް ޑްރާމާއަށެވެ. މި ފިލްމަކީ އެ ނަމުން މަޝްހޫރުވި އިންޑިއާގެ ކުރީގެ ވަރުގަދަ ޖާސޫސީ ޝަހުސިއްޔަތު ރަވިންދުރަ ކޯޝިކްގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ. އޭނަ ވަނީ 2001 ގައި މަރުވެފަ އެވެ.
"ބްލެކް ޓައިގާ" ގެ ވާހަކަ ފުރަތަމަ ދެކެވުނީ 2021 ގަ އެވެ. އޭރު އަޑުއެރި ގޮތުން ސަލްމާން ކުޅޭ ގޮތަށް ފިލްމު ޑައިރެކްޓްކުރަން އޮތީ "ނޯ ވަން ކިލްޑް ޖެސިކާ" އާއި "ރެއިޑް" ގެނެސްދިން ޑައިރެކްޓަރު ރާޖްކުމާރް ގުޕްތާ އެވެ. އަދި އޭރު ފިލްމުގެ ބަތަލާއަކަށް ޔާމީ ގޯތަމް ނަގަން ނިންމި ކަމަށް ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ނަމަވެސް އަނޫރާގް "ބްލެކް ޓައިގާ" ޕްރޮޑިއުސްކޮށް، ޑައިރެކްޓްކުރަން އިއުލާންކުރި ނަމަވެސް ފިލްމުގެ ކާސްޓާ ބެހޭ އެއްވެސް ވާހަކައެއް އަދިއެއް ނެތެވެ.