Last Updated: July 27, 12:02
Monday, July 27, 2026
މުނިފޫހިފިލުވުން

ހަފުތާކަށް "ޑީޑީއެލްޖޭ" އަލުން ސިނަމާތަކަށް

ހިންދީ ސިނަމާގެ އެންމެ އައިކޮނިކް އެއް ފިލްމު ކަމަށްވާ ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) މާދަމާ އިން ފެށިގެން ހަފުތާއެއް ވަންދެން އިންޑިއާގެ ބައެއް ސަރަހައްދުތަކުގެ ސިނަމާތަކުގައި ދައްކަން ހަމަޖައްސައިފި އެވެ.

ޝާހްރުކް ޚާނާއި ކާޖޮލް ލީޑް ރޯލު ކުޅުނު އަސަރު ގަދަ ލޯބީގެ މި ފިލްމަކީ 1995 ގައި ރިލީޒްކުރި ވަރަށް ކާމިޔާބު ފިލްމެކެވެ. އަދި "ޑީޑީއެލްޖޭ" އަކީ ރިލީޒްކުރި ފަހުން މެދުކެނޑުމެއް ނެތި އިންޑިއާގެ ސިނަމާއެއްގައި އެންމެ ގިނަ ދުވަހު ދެއްކުމުގެ ރެކޯޑް ވެސް އޮތް ފިލްމެވެ. އެގޮތުން ގާތްގަނޑަކަށް 21 އަހަރު ވަންދެން އެ ފިލްމު އިންޑިއާގެ މަރާޓާ މަންދިރު ސިނަމާގައި ދައްކާފައިވެ އެވެ.

"ޑީޑީއެލްޖޭ" އަކީ ކުރީގެ މަޝްހޫރު ޑައިރެކްޓަރު ޔާޝް ޗޯޕްޅާގެ ދަރިފުޅު އަދި މަޝްހޫރު ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ އަލަތު ޑައިރެކްޝަނެވެ. އޭނަ ފަހުން ގެނެސްދިން ފިލްމުތަކުގެ ތެރޭގައި 2000 ވަނަ އަހަރުގެ "މުހައްބަތޭ" އާއި 2008 ގެ "ރަބް ނެ ބަނާދީ ޖޯޅީ" އަދި 2016 ގެ "ބޭފިކްރޭ" ހިމެނެ އެވެ.

"ޑީޑީއެލްޖޭ" މާދަމާ އަލުން ސިނަމާތަކަށް ގެންނަން ނިންމި އިރު، އެ އުފެއްދި ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 25 ގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި އާ ރެެކޯޑްތަކެއް ހެދި ޝާހްރުކްގެ އެކްޝަން ތުރިލާ "ޕަތާން" އެވެ.