މިދިޔަ ހޯމަ ދުވަހު ތުރުކީ އަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އިމާރާތެއްގެ ދަށުވެފައި ތިބި ދެ ކުއްޖަކާއި އެ ކުދިންގެ މަންމަ 78 ގަޑިއިރު ފަހުން ސަލާމަތްކޮށްފި އެވެ.
ތުރުކީގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ކަރަމަންމަރާސް ސިޓީގައި ވެއްޓުނު އިމާރާތެއްގެ ދަށުވެފައި ތިބި އެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފެށީ ރޭ ތުރުކީ ގަޑިން 10 ޖެހިއިރު ކަމަށެވެ. އަދި ރޭ 11 ހާއިރު އިމާރާތުގެ ދަށުން އަޑެއް އިވުމުން މުޅިން ރޭ އެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިމާރާތުގެ ދަށުން ސަލާމަތްކޮށްފައިވަނީ ދެ ފިރިހެން ކުދިންނާއި އެ ކުދިން އުމުރުން 36 އަހަރުވީ މަންމަ އެވެ. އެމީހުން މިހާރު ވަނީ އިތުރު ފަރުވާ އަށް އެ ސިޓީގެ ހޮސްޕިޓަލަކަށް ގެންގޮސްފަ އެވެ.
ތުރުކީއާއި ސީރިއާ ބޯޑަރު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި 19،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެތެރެއިން 16،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވަނީ ތުރުކީންނެވެ. ބިންހެލުމުގައި 6،444 އިމާރާތެއް ވަނީ ބިމާ ހަމަވެފަ އެވެ.
ތުރުކީ އާއި ސީރިއާ އަށް ހޯމަ ދުވަހުގެ ފަތިހު ބިންހެލުން އައީ ރިކްޓަ މިންގަނޑުން 7.8 ބާރުމިނުގަ އެވެ. މިއީ 1939 ގެ ފަހުން ތުރުކީ އަށް ކުރިމަތިލާން ޖެހުނު އެންމެ ނުރައްކާތެރި، އެންމެ ގެއްލުން ބޮޑު ބިންހެލުމެވެ. އެ ބިންހެލުމުގައި 30،000 މަރުވެފައިވެ އެވެ.