Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އައްޑޫ ކައުންސިލުގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރަނީ

އައްޑޫސިޓީ ކައުންސިލާއި ޓްރޭޑްނެޓާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން / ފޮޯޓޯ: އައްޑޫސިޓީ ކައުންސިލް

އައްޑޫ ސިޓީ ކައުންސިލުން މިހާރު ދެމުންދާ ޚިދުމަތްތަށް ޑިޖިޓަލައިޒް ކުރުމަށް ޓްރޭޑް ނެޓް މޯލްޑިވްސް ކޯޕަރޭޝަނާއި އައްޑޫސިޓީ ކައުންސިލާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި ރަސްމީއްޔާތުގައި އައްޑޫސިޓީ ކައުންސިލުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވި މޭޔަރ އަލީ ނިޒާރުއެވެ. ޓްރޭޑްނެޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ޝިހާމް އަލީއެވެ. މި އެއްބަސްވުމުގެ ދަށުން މަރަދޫ-ފޭދޫގައި ލިންކް ރޯޑުގައި މީގެ ކުރިން ދިރާގު ހިންގި އިމާރާތް ޓްރޭޑް ނެޓްއަށް ކުއްޔަށް ދޫކުރާނެއެވެ. މިއީ ޓްރޭޑްނެޓުގެ އޮފީސް ޤާއިމް ކުރުމަށް ދޫކުރާ އިމާރާތެކެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން އައްޑޫސިޓީ ކައުންސިލުގެ މޭޔަރ އަލީ ނިޒާރު މިދިޔަ މަހު އައްޑޫލައިވްއަށް ދިން ބަސްތީގަތުމުގައި ވިދާޅުވީ، ޓްރޭޑްނެޓާއި އިމާރާތް ހަވާލު ކުރުުމުގެ އެންމެ ބޮޑު ބޭނުމަކީ ކައުންސިލުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ގޮތަށް އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.

އެފަރާތާއި އެކު ވެވޭ އެއްބަސްވުމާއިއެކު ކައުންސިލުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލް ވެގެންދާނެ. އޭގެތެރޭގައި އަޅުގަނޑުމެންނަށް ހުށަހަޅާ ފޯމްތަކާއި، އަނެއްހެން ބުނާނަމަ ބެކް އޮފީހުގައި މިކުރާ ހުރިހާ މަސައްކަތްތައް، ރައްޔިތުންނަށް ފަސޭހަކަމާއި އެއްކޮށް އެކްސެސް ވެވިގެންދާނެ

ނިޒާރު ވިދާޅުވި ގޮތުގައި މި ޚިދުމަތްތައް ޤާއިމްވުމުން ޑިޖިޓަލްކޮށް އެޕްލައިކޮށްގެން ބައެއް ޙިދުމަތްތައް ގޭގައި ތިބެގެން އެކުއެކީ ފުރިހަމަވެސް ވެގެންދާނެ ކަމަށެވެ. އަދި މިކަން ކުރާނީ ކައުންސިލުން ބޭނުންވާ ފޯމެޓެއްގައި ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ކަމަށް ވިދާޅުވިއެވެ.

އައްޑޫސިޓީ ކައުންސިލުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާރުވެސް ކައުންސިލުން ނުވަތަ އަވަށު އޮފީސްތަކުން ހޯދާ ޚިދުމަތްތައް ހޯދުމުގައި، ވަކި ވަގުތެއްގައި ޙިދުމަތް ހޯދުމާއި ފޯމް ހުށަހަޅަން ޖެހުން ފަދަ ދަތިތަކެއް ހުންނަކަން ރައްޔިތުން ފާހަގަ ކުރެއެވެ. އަދި ބައެއް ފަހަރު ބައެއް ފޯމްތައް ހުށަހަޅަން ކިއުގައި ޖެހި ގިނަ އިރުތަކެއްވެސް ހެދަވެއެވެ.