Last Updated: July 19, 20:01
Saturday, July 19, 2025
ޚަބަރު

ފަނޑިޔާރުންނަށް ފްލެޓް، ޝަރުއީ ދާއިރާގެ މުސާރަތައް ބޮޑުކުރަނީ

ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެން ދާއިރު، ޝަރުޢީ ދާއިރާގެ މުސާރަތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

"ޤަޟާއީ އަހަރު 2023" އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފަނޑިޔާރުންގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިޞްލާޙާއެކު ފަނޑިޔާރުންގެ މާލީ ޢިނާޔަތްތަކާއި ބޯހިޔާވަހިކަމުގެ މައްސަލަފަދަ ބައެއް ޒަރޫރީ މައްސަލަތަކަށް ޙައްލު ލިބިގެންދާނެ ކަމަށެވެ.

"އެ ބިލު ޤާނޫނަކަށްވުމުން، ރާއްޖޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ފަނޑިޔާރުންނަށް ވަކި ޢަދަދަކަށް ފްލެޓް ކަނޑައެޅިގެންދާނެ. އެފަދަ މަޝްރޫޢުތައް ނެތް ރަށްރަށުގައި ތިއްބަވާ ފަނޑިޔާރުންގެ ލިވިންގ އެލަވަންސްގެ މިންވަރުވެސް، ފަނޑިޔާރުންގެ އަސާސީ މުސާރައިގެ 35 އިންސައްތައަށްވުރެ ކުޑަނުވާނެ ގޮތަކަށް ހަމަޖެހިގެންދާނެ." ރައީސް ވިދާޅުވި އެވެ.

މެޖިސްޓްރޭޓުންގެ މުސާރަ މިދިޔަ އަހަރު ބޮޑުކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާނުގައިވެސް ދެންނެވި ފަދައިން ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެންދާއިރު، ޝަރުޢީ ދާއިރާގެ މުސާރަތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ޝަރުޢީ ދާއިރާގެ ކުރިއެރުމަށް ޤާނޫނީ އޮނިގަނޑުގެ ތެރެއިން ގެންނަވާ މުހިންމު ބައެއް ބަދަލުތަކަށް އިޝާރާތްކުރައްވައި ރައީސް ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޑިސްޓްރިކްޓް ކޯޓުތަކެއް އުފެއްދުމަށް ކޯޓުތަކުގެ ޤާނޫނަށް މިހާރު ހުށަހަޅާފައިވާ އިޞްލާޙާއި ރާއްޖޭގެ ޝަރުޢީ ދާއިރާއަށް މުޅިން އަލަށް ސަރކިޓް ކޯޓުގެ ނިޒާމު ތަޢާރަފްކުރުމަށާއި އިންޓަރގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމެއް ކޯޓުތަކުގައި ޤާއިމުކޮށް ނިންމުމަށް ކުރިޔަށްދާ މަސައްކަތް ފަދަ މުހިންމު މަސައްކަތްތަކާއި ކޯޓުތަކުގެ ޢުމްރާނީ ތަރައްޤީއަށް ކުރެވިފައިވާ އަދި ކުރިޔަށްގެންދާ މުހިންމު ބައެއް މަޝްރޫޢުތައް ފާހަގަކުރައްވާފަ އެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ، ޝަރުޢީ ދާއިރާގައި 35 އަހަރަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތްކުރެއްވި ފަރާތްތަކަށް އެބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި ފިލާ އެފަރާތްތަކާ ހަވާލުކޮށްދެއްވާފައެވެ.