އައްޑޫ ގަމުގައި މިއަހަރު ދެ ޓޫރިސްޓް ހޮޓެލް ޕްރޮޖެކްޓް ފެށުމަށް މަސައްކަތް ކުރާނެ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އިން ބުނެފި އެވެ.
ގަން އެއާޕޯޓަށް 80 އަހަރު ފުރުން ފާހަގަކުރަން މިދިޔަ އަންގާރަ ދުބަހު ރަސްމިއްޔާތުގައި އެ ކުންފުނީގެ ޗެއާމަން އަޒާން އަހުމަދް ޒުހެއިރު ކުންފުނީގެ އެންމެ ބޮޑު އެއް އާމާޒަކީ ކުންފުންޏަށް ވައިގެ ދަތުރުފަތުރު ފިޔަވައި އެނޫން ގޮތްގޮތަށް އާމްދަނީ ހޯދުން ކަމަށެވެ. އެގޮތުން، ގަމުގައި ހަތަރު ހޮޓަލް ޕްރޮޖެކްޓެއް ހިންގުމަށް ގަސްތުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އަޒާން ވިދާޅުވި ގޮތުގައި އެ ހަތަރު ޕްރޮޖެކްޓްގެ ތެރެއިން އެއްބައި މި އަހަރުގެ ތެރޭގައި ފެށޭނެ އެވެ.

"މި އަހަރު މީގެއިން ދެ ޕްރޮޖެކްޓެއް ފެށޭތޯ މި ބަލަނީ. އެ ޕްރޮޖެކްޓުން އެއް ޕްރޮޖެކްޓަކީ އެންމެންނަށް ވެސް އަޑު އިވިފައި އޮންނާނެ ދޫގަސް ހޮޓަލް ޕްރޮޖެކްޓް،" އޭނަ ވިދާޅުވި އެވެ. "އޭގެ އިތުރަށް މާރަނގަ ހުރި ހިސާބުގައި 50 ކޮޓަރީގެ ހޮޓަލެއް. ދޫގަސް ޕްރޮޖެކްޓަކީ 130 ކޮޓަރީގެ ހޮޓަލެއް."
ދޫގަސް ޕްރޮޖެކްޓުގެ ތެރޭގައި 7 ބުރީގެ ހޮޓަލަކާއި، އޭގެ އިތުރަށް ގާޑަން ވިލާސް އަދި ވޯޓާ ވިލާސް ހިމެނަގައިގެން ޕްލޭން ކޮށްފައި އޮތް ކަމަށް އޭއައިއޭ އިން ބުންޏެވެ.
ނަމަވެސް މި މަސައްކަތުގައި ވެސް ވަރަށް ބޮޑު ލަސްތަކެއް ދިޔަ ކަމަށް އަޒާން ވިދާޅުވި އެވެ. އެގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކީ މަޝްރޫޢުގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ މިހާރު ޓެންޑަ މަސައްކަތާއި އިވެލުއޭޝަން މަސައްކަތް ނިމި ދެތިން ހަފުތާއެއްގެ ތެރޭ ހޭންޑްއޯވާ ވެސް ކުރެވޭނެ ކަމަށް އަޒާން ވިދާޅުވި އެވެ.

މިއާ އެކީ ދޫގަސް ޕްރޮޖެކްޓްގެ މަސައްކަތް މިއަހަރުތެރޭ މަސައްކަތް ފެށޭނެ އެވެ.
އޭއައިއޭ އަކީ 2012 ގައި ސަރުކާރުގެ 50 ޕަސެންޓް ހިއްސާ އާއި އެސްޓީއޯ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ކޮންމެ ކުންފުންޏަކަށް 10 ޕަސަންޓްހެ ހިއްސާ އަދި ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފުގެ ހިއްސާ އޮންނަ ކާސާ ކުންފުނީގެ ޕަސެންޓް ހިއްސާއާ އެކު އުފެއްދި ކުންފުންޏެކެވެ.
ނަމަވެސް އެމްއޭސީއެލާއި އެސްޓީއޯ އިން އެ ކުންފުނީގެ ހިއްސާ ވަނީ ދޫކޮށްލައިފަ އެވެ. މިއާއެކު މިހާރު މެޖޯރިޓީ ހިއްސާ 70 ޕަސެންޓާ އެކީ އޮތީ ސަރުކާރަށެވެ.